ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލުނު ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ދައުވާ ކޮށްފިއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލުނު ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އަލީ ވަހީދުގެ މައްޗަށް ޕީޖީ އޮފީހުން ޖުމްލަ 7 ދައުވާއެއް ކޮށްފައި ވެއެވެ.

އަލީ ވަހީގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވައާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާއެކެވެ.

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ އެތައް މައްސަލައެއް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ފުށުން ހިނގާފައިވާތީ ޓުއަރިޒަމް މިނިސްޓަރ ކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަލީ ވަހީދަށް އެންގެވީ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ.

ނަމަވެސް، ރައީސްގެ އެންގެވުމާ އެއްގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، ރައީސް ސާލިހް އަލީ ވަހީދު މަގާމުން ވަކިކުރައްވާފައި ވަނީ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ.

އަލީ ވަހީދު ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރެއްވިކަމުގެ ޝަކުވާ، އެ މުވައްޒަފުން ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހްގީގުކޮށްފައި ވެއެވެ. ތަހްގީގަށް ފުލުހުން އަލީ ވަހީދުގެ ގެ ވެސް ބަލައި ފާސްކޮށް އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕްވެސް ގެންދިޔައެވެ.

އަދި އެތައްބައެއްގެ ބަޔާންވެސް ނެގިއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދު އޭރުވަނީ، އެކަން ދޮގު ކުރައްވާފައެވެ.

ތުހުމަތުތައް ދޮގުކުރައްވާ މޭރުމަކުން އަލީ ވަހީދު ކުރެއްވި ޓްވީޓްގައި ލިޔެފައިވަނީ "މިދުވަސްވެސް ހިނގައިދާނެ" ކަމަށެވެ. (ތުހުމަތުތަކުގެ) ހަގީގަތް ކޮންމެސް ދުވަކުން ހާމަވާނެ ކަމަށެވެ.