ކޮވިޑް-19 އާއި ގުޅިގެން 8 މަސް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު ސަލްޓަން ޕާކު އަނެއްކާވެސް ހުޅުވާލައިފިއެވެ.

ސަލްޓަން ޕާކު އާއްމުންނަށް ހުޅުވާފައިވަނީ މިއަދު ފަތިހު 4:30 އިން ފެށިގެންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި ސަލްޓަން ޕާކު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ފަތިހު 4:30 އިން ހެނދުނު 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށް ކަމަށެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ލޮނުޒިޔާރަތް ޕާކު ހުޅުވުމަށްފަހު އެ ޕާކުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ، ސަލްޓަމް ޕާކު އެންމެ ފުރަތަމަ ހުޅުވާލާނީ ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ.

ކުޑަކުދިންނަށް ޕާކު ހުޅުވާލާނީ އެޗްޕީއޭއިން އެކަމަށް ހާއްސަ ގައިޑްލައިނެއް ހެދުމުން ކަމަށް މޭޔަރު ސިފާ ވިދާޅުވިއެވެ.

ޕާކު އާއްމުންނަށް ހުޅުވާލާނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށް ސިފާ ވިދާޅުވިއެވެ. ސަލްޓަން ޕާކު އާއްމުންނަށް ހުޅުވާލާނީ ކުރަންޖެހޭ މަރާމާތުތައް ކުރުމަށްފަހު ކަމަށްވެސް މޭޔަރު ސިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަލްޓަން ޕާކު ވީރާނާވާން ދޫކޮށްލާފައިވާކަމަށް ގިނަ ބަޔަކު ބުނާ ބުނުންވެސް މޭޔަރު ސިފާ ވަނީ މިދިޔަ ހަފްތާގައި ދޮގުކުރައްވާފައެވެ.

ސިފާ ވިދާޅުވީ ސަލްޓަން ޕާކު ވީރާނާވާން އެއްއިރަކުވެސް ދޫކޮށްލާފައި ނުވާނެ ކަމަށެވެ. ސަލްޓަން ޕާކު އަބަދުވެސް ބަލަހައްޓަމުން އަންނަ ކަމަށާއި، މިހާރުވެސް ސަލްޓަން ޕާކު ބެލެހެއްޓުމުގައި 40 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ ކަމަށް މޭޔަރު ސިފާ ވިދާޅުވިއެވެ.

ސަލްޓަން ޕާކަށް ބޮޑު ބަދަލެއް ގެނެސް ރަސްރަނި ބަގީޗާގެ ނަމުގައި ޕާކު ހުޅުވާފައިވަނީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައެވެ.

އެގޮތުން ދެބުރިއަށްވާ ގޮތަށް ހަދާފައިވާ ބޮޑު ފެންއަރުވާ ވަޑާމަކާއި، ވާޓިކަލް ބަގީޗާއަކާއި، ބިމުން ފެށިގެން 12 ވަރަކަށް ފޫޓު އުހުގައި ބިއްލޫރިން "ރަސްރަނި ވިއު" ގެ ނަމުގައި ހަދާފައިވާ ކްލާސްރޫމުތަކަކާއި، ކުރެހުމުގެ ހުނަރު ދައްކާލުމަށް އާޓް ޑެކަކާއި، ތާރީހާއި ސަގާފަތް ދައްކުވައިދޭ މަރިޔާދު ގެއަކާއި، ކޮރާކުޅެން ހާއްސަ ކޮރާ ގެއެއްގެ އިތުރުން ވިންޓަރ ޕާކެއްވެސް ވަނީ ހަދާފައެވެ.

އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް އަނެއްކާވެސް ވަނީ ބަދަލުކޮށްފައެވެ.