ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާއި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް، ފޯނުން ގުޅުއްވައި، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއީ، ނޫސްވެރިޔާ ޖަމާލް ޚާޝަގްޖީ މަރާލި ހާދިސާގެފަހުން، ސައުދީ ރަސްގެފާނާއި ތުރުކީގެ ރައީސް ސީދާ ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

އެހެންކަމުން، މިއީ ވަރަށް ނާދިރު ކަމެއްގެގޮތުގައި މީޑިއާއިން ފާހަގަކުރެއެވެ.

ސައުދީ ރަސްގެފާނު ސަލްމާނާއި، ތުރުކީގެ ރައީސް އުދުރުޣާން ފޯނުން ގުޅުއްވައި ވާހަކަފުޅު މިދެއްކެވީ، ސައުދީ އަރަބިއްޔާއިން އިންތިޒާމުކުރާ، ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު، ޖީ20 ވެރިންގެ ސަމިޓް ފެށުމަށް ކުޑަތަން ވެފައި ވަނިކޮށެވެ.

ޖީ20 ސަމިޓް މިހާރު ފެށިފައި ވާއިރު، މިސަމިޓް މިއަދާއި މާދަމާވެސް ކުރިއަށްދާނެއެވެ. ސަމިޓް ކުރިއަށްދަނީ އޮންލައިންކޮށެވެ.

ސަމިޓުގައި ތުރުކީވެސް ބައިވެރިވެއެވެ.

ތުރުކީގެ ރިޔާސީ ގަނޑުވަރުން ބުނެފައިވަނީ، ތުރުކީއާއި ސައުދީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި، އަދި ޖީ20 ސަމިޓާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ދެގައުމުގެ ދެމެދުގައި ޚިޔާލު ތަފާތުވާ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް، ތުރުކީން ބުނެއެވެ.

އަބަދުވެސް ވާދަވެރިކަން އޮންނަ ސައުދީ އަރަބިއްޔާއާއި ތުރުކީގެ ގުޅުން ގޯސްވެގެންދިޔައީ، ތުރުކީގެ އިސްތަމްބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝަގްޖީ މަރާލި މައްސަލާގައެވެ.

މިމައްސަލާގައި މުޅި ދުނިޔޭގެ ނުރުހުން ސައުދީ އަރަބިއްޔާއަށް އަމާޒުވެގެންދިޔައިރު، ނޫސްވެރިޔާ މަރާލުމުގެ އަޑީގައި ހުންނެވީ ސައުދީ ނުފޫޒުގަދަ ވަލީއަހުދު މުހަންމަދު ބިން ސަލްމާން ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ދުނިޔޭގައި މުހަންމަދު ބިން ސަލްމާންއަށް އޮތް އިހްތިރާމާއި ގަދަރު ކުޑަވެގެންދިޔަ ކަމަށް މީޑިއާއިން ބުނެއެވެ.