ހަގީގަތާއި ހިލާފު ވާހަކަ ދައްކައިގެން އީސީގެ އަގުވައްޓާލުމަށް މަސައްކަތް ނުކުރުމަށް އެކޮމިޝަނުން ގޮވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި، މިކަމަށް ގޮވާލާފައި މިވަނީ އީީސީގެ ކުރީގެ މެމްބަރެއްގެ ފުރައްސާރައާ ހެދި އެ ކޮމިޝަނުގެ މުވައްޒަފަކު މަރުވާން އުޅުނު ކަމަށްބުނެ، ކޮމިޝަނުގެ މެމްބަރަކާ ހަވާލާދެއްވައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މެމްބަރަކު އޮންލައިން ނޫހަކަށް ދެއްވި މައުލޫމާތުތަކާ ގުޅިގެންނެވެ.

ޝަރީފް ކުރެއްވި ޓުވީޓްގައިވަނީ، އެވާހަކަތަކަކީި ސިއްރުކޮށްގެން ބޭއްވުނު ކޮމިޓީއެއްގައި ދެއްކުނު ވާހަކަތަކެއް ކަމަށެެވެ. އެވާހަކަތައް ހަގީގަތަކަށް ހަދައިގެން، ކޮމިޓީގެ މެމްބަރަކަށް އެކޮމިޓީގެ ނަމުގައި ވާހަކަ ދެއްކިދާނެތޯ ޝަރީފް ވަނީ ސުވާލުކުރައްވާފައެވެ.

އީސީގެ މެމްބަރުގެ ގޮތުގައި ހުންނެވި އެކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިގެން، އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.

މަޤާމުން އިސްތިއުފާދެއްވާ އަކްރަމު ނެރެފައިވާ ބަޔާނެއްގައިވަނީ، މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރެއް ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ ގޮތުގައި ދެމި ހުރުމަކީ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.

އަކްރަމް ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ ޖިންސީ ފުރަައްސާރަ ކުރިކަމަށް ތުހުމަތުކޮށް އޭނާއާ ދެކޮޅަށް އީސީގެ އަންހެން މުވައްޒަފުންތަކެއް ހުށަހެޅި މައްސަލަތަކެއް ބެލުމަށް ފަހު އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.