ވިއްސާރަ ދުވަސްވަރެއްކަމުގައިވާނަމަ ރާއްޖޭގެ ގިނަ ރަށްތަކަކީ ފެން ބޮޑުވުމުގެ މައްސަލަ ދިމާވާ ރަށްތަކެވެ. މިކަމުގެ ސަބަބުން މީހުންނާއި މުދަލަށް އެކަމުގެ ގެއްލުންވެއެވެ. މިކަންކަން މާލޭގައި އާދަޔާ ޚިލާފަށް ބޮޑެވެ. ވާރޭ ވެހޭއިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ހިނގާ ބިނގާ އުޅުމަށް ދަތިވެއެވެ. ފެން ހިންދުމަށްޓަކައި އެކިފަހަރު އެކި ޕްރޮޖެކްޓްތައް، އޭރަކު އޮންނަ ސަރުކާރަކުން ހިންގާއިރު އަދި އަދަށްވެސް މިކަމަށް ހައްލެއް ނާދެއެވެ. އަބަދުވެސް ޖެހެނީ ޕަމްޕު ޖަހައިގެން ފެން ހިންދާށެވެ.

މިކަމަށް މިނޫން ގޮތެއް އެބަ އޮތްތޯއެވެ.

ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ، އަދްނާން ހަލީމް މިކަމަށް ބައްލަވާލައްވާ، ފާޅުކުރެއްވި ޚިޔާލަށް އާންމުންގެ ގިނަބަޔަކު ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.

ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވުމާއި، ރަށްގިރުމާއި، މިފަދަ ތިމާވެށީގެ މައްސަލަތަކާއި ގުޅޭ ކަންކަމުގައި، ތިމާވެއްޓާބެހޭ މިނިސްޓްރީގައިވެސް މަަސައްކަތްކުރައްވާފައިވާ އަދްނާން ހަލީމްގެ ޚިޔާލު ފެށުނީ މިހެންނެވެ.

ވިއްސާރައިގައި ވާރޭވެހި ފެންލިބުމުން ބަސްތާ ޖަހައި ފެންވަނުން މަނާ ކުރުމުން މައްސަލަ ޙައްލެއްނުވާނެ. އަދި ޕަމްޕަކާއި ހޮޅިއެއްދީފައި ބަޔަކު ނެރުނަސް މައްސަލަ ޙައްލެއްނުވާނެ. އަދި ފެނާހެދި އުދަގޫ ވެގެން ފެންދެކެ ރުޅިއައިސްގެން ކިތަންމެވަރަކަށް ހަޅޭލެވިޔަސް މައްސަލައަށް ޙައްލެއް ނުލިބޭނެ. އެކަމަކު ކުރަންވީ ކަމަކީ ފެނުގެ އަގު ވަރަށް ރަނގަޅަށް އެނގި ފެންދެކެ ލޯބިން މަގުމައްޗަށް ވެއްޓޭ ކޮންމެ ފެންތިއްކެއްވެސް ނަގައި ފޮރުވުން.
އަދްނާން ހަލީމް

ވިއްސާރަވުމުން މަގުމަތީ ފެންބޮޑުވާ މައްސަލަތަކަކީ އާންމު ކަމަކަށްވާއިރު މިއީ ދުރަށްވިސްނައިގެން ކަމާ ގުޅުންހުރި ފަރާތްތަކާއި ގިނަ ބައެއްގެ މަޝްވަރާއާއިއެކު، އެންމެން ގުޅިގެން، ހައްލުކުރެވިދާނެ މައްސަލައެއްކަމަށް އަދުނާން ހަލީމް ދެކެލައްވައެވެ.

މިކަމަށް އޮތް ހައްލެއްކަމަށް އަދްނާން ދައްކަވަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުންވެސް ބޭނުންކުރަމުންދާ ފެން ހިންދުމަށް ޚާއްސަ ސިސްޓަމްތައް ބޭނުންކުރުމެވެ. އަގާއި، މަސައްކަތަކަށް ބަލާއިރު ބުރަ، ބޮޑު މަޝްރޫޢަކަށް މިކަން ވާނެއެވެ. ނަމަވެސް އައު ކަމެއް ފަށަން އެ ނަގަންޖެހޭ ''ރިސްކް'' ނެގުމަށްފަހު މިކަން ކޮށްފިނަމަ މިއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެކަމަށް އަދުނާން ހަލީމް ގަބޫލުކުރައްވައެވެ.

ފެންބޮޑުވާ މައްސަލައަށް، ހައްލެއް ގެނެވޭނެ ޕްލޭނެއް، އާންމުންނަށް ދޫކޮށްލާފައިވާއިރު އަދުނާން ހަލީމް ގަބޫލުކުރައްވާ ގޮތުގައި "އަކުއާސެލް ސްޓޯމް ވޯޓަރ މެނޭޖްމެންޓް ސިސްޓަމް"ތައް މާލޭގައި ބަހައްޓައިގެން މާލޭގެ ފެންބޮޑުވާ މައްސަލައަށް ހައްލު ގެނެވޭނެއެވެ.

އަކުއާސެލްއަކީ ބިން ކޮނެފައި ޖިއޯޓެކްސްޗަރ ފަށަލައެއް ވަށައިގެންލައި ފަސްއަޅައި ނިވާކުރެވޭ އަދި ބޭނުންވަރަކަށް ބޮޑުކުރެވޭ، ފަތުރާލެވޭ ގޮތަށް ހަދާފައި ހުންނަ އެއްޗެއްކެވެ.

މި ސިސްޓަމްތައް، ބެހެއްޓޭނެކަމަށް ލަފާކުރައްވާ ތަންތަނުގެ ގޮތުގައި އަދުނާން ހަލީމް ފާހަގަކުރައްވާފައިވަނީ ބިން ބޮޑުތަންތަނެވެ. މިސާލެއްގެ ގޮތުން، މާފަންނު ހުޅަނގުދެކުނު ސަރަޙައްދުގައި ހުރި ދައުލަތުގެ ބައެއް ތަންތަނުގެ ބިންތަކާއި، ކުޅިވަރު ބިންތައް ބޭނުންކޮށްގެން މިކަމަށް ޙައްލެއްގެނެވިދާނެ ކަމުގައި އަދްނާން ވިދާޅުވެއެވެ.

ސްކޫލްތަކުގެ ކުޅޭބިންތަކާއި، ކަޅުތުއްކަލާކޮށީގެ ހެވިކަމުގެ މައިދާނާއި، ހުސްތަންތަނުގައިއާއި، ކުޅިވަރު ބިންތަކުގައި މިފަދަ ސިސްޓަމްތައް ބަހައްޓައިގެން އެތަންތަން އެއީ ފެންރައްކާކުރާ ތަންތަނަށް ހެދިދާނެކަމަށް ލަފާކުރައްވާއިރު ފެންރައްކާކުރާ މިނިޒާމު ބިމުއަޑީގައި ހެދި ނަމަވެސް އެފަދަ ބިންތަކާއި މައިދާންތައް މިހާރުވެސް ބޭނުންކުރާ ގޮތަށް ބޭނުންކުރެވޭނެކަމަށްވެސް އަދުނާން ހަލީމް ވިދާޅުވިއެވެ.

މާފަންނު ސްޓޭޑިއަމާމެދު އަދި އެހެން ނަޒަރަކުން އަދި މާދުރަށް ވިސްނަންޖެހޭ. އަޅުގަނޑު އެތަން ޕްލޭންކުރާނީ ބިމުގެ އަޑީގައި ފެންރައްކާކުރާ ސިސްޓަމް ބިމުންމަތީގައި ވެހިކަލް ޕާކިންއާއި ގުދަންތަކާއި ފިހާރަތައް. އަދި ކުޅިވަރުތައް އިންތިޒާމު ކުރާނީ 5 މީޓަރު މަތީގައި ތައްޔާރުކުރާ ބިމެއްގައި.
އަދްނާން ހަލީމް

އަކުއާސެލް ސްޓޯމް ވޯޓަރ މެނޭޖްމެންޓް ސިސްޓަމްގައި ބޭނުންކުރާ ފެން ހިންދާ ޔުނިޓް

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސްކަމާއި، ނައިބު ރައީސްކަންކުރެއްވި، އަދި މިހާރު އެ ތަނުގެ ސެކެޓްރީ ޖެނެރަލްކަން ކުރައްވަމުންދާ އަދުނާން ހަލީމް ވަނީ ފެން ރައްކާކުރާނެ ގޮތާއި، ފެން ރައްކާކުރަންޖެހޭ ސަބަބާއި، މަގުމަތީގައި ހުރި ފެން ފޮރުވައިގެން އެއިން ހިފޭނެ ބޭނުންވެސް އާންމުންނަށް ތަފްސީލުކޮށްދެއްވާފައެވެ.

މަގުމަތިންނަގައިގެން ފޮރުވާ ފެނުންކުރާނީ ކޮންކަމެއް ހެއްޔޭ ސުވާލުކުރީމާ އަޅުގަނޑު ހިތަށް މިއަރަނީ އެފެން ނުވަތަ އެފެން ސާފުކޮށްގެން ބަގީޗާތަކަށް ފެންދިނުމާއި، ފާޚާނާސާފުކުރުމާއި، ވެހިކަލަތައް ދޮވުން ކަހަލަ ކަންކަމުގައި ބޭނުންނުކުރެވޭހެއްޔޭ ކުރާ ސުވާލެއް. ދަތިވިޔަސް މަގުމަތިންނަގާ ވާރޭފެން މިގޮތަށް ބޭނުން ކުރަންޖެހެނީ މައްސަލަ ޙައްލުކުރުމަށް.
އަދްނާން ހަލީމް

މިއީ އެންމެ ފަރުދެއްގެ ޚިޔާލެވެ. މިފަދަ ޚިޔާލުތަކަށް ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުންދީ، މިފަދަ ޚިޔާލާއި މަޝްވަރާގެ ބޭނުންކޮށްގެން، ދިމާވާ އެކި އެކި މައްސަލަތަކަށް ހައްލެއް ގެނެވުމަކީ ދުރުކަމެއްނޫނެވެ. ބޭނުންވަނީ އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން، މަޝްވަރާގެ އުސޫލުން މަސައްކަތްކޮށް ރަނގަޅު ނަތީޖާއެއް ނެރުމެވެ.