ރައީސް އިބްރާހީމް މުހައްމަދު ސާލިހް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް އިނގިލި ދިއްކުރައްވަނީ އަމިއްލަފުޅަށް ފެއިލްވެފައިވާކަން ފޮރުވަންކަމަށް، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބްރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ، ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިދިޔަ ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ސޮލިހް ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑައް ފާޑުވިދާޅުވެފައި ވަނިކޮށެވެ.

ދައުލަތަށް ދަރަނި ނެގުމަކީ، މި ސަރުކާރުން ކުރިކަމެއް ނޫންކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

އަދި ކުރީގެ ސަރުކާރުން، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ދައުލަތުގެ ދަރަނި ހުރީ 26 ބިލިއަން ރުފިޔާގައި ކަމަށާއި އެހެންނަމަވެސް އެދައުރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައިކަމަށް ރައީސް ވިދާޅުވިއެވެ.

"މި އަހަރުގެ ބަޖެޓުގައި، ދަރަނި ދެއްކުމަށް ޖަހާފައި އޮތް 4 ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަން ޖަހާފައި ހުރި ފައިސާ. މިއީ އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ސާފުކޮށްދޭން ބޭނުންވާ ވާހަކައަކީ. އާދެ، ފައިސާ ހޯދަންޖެހޭ. އަޅުގަނޑުމެންނާ ހިސާބަށް ވާރުތަވީއިރުގައި، ދައުލަތުގެ ރިޒަރވަކު ނެތް ލާރިއެއް. 250 މިލިއަން ޑޮލަރު އޮތީ. ދެން ކިހިނެއްތޯ ކަންތައް ކުރާނީ؟ މި ދަތި ހާލުގައިވެސް އަޅުގަނޑުމެންގެ ރިޒަރވްގައި މިހާރުވެސް ހުންނާނެ 250 މިލިއަން ޑޮލަރު،"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

މިކަމާއި ގުޅިގެން ޑރ ޖަމީލް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީނަށް އިނގިލި ދިއްކުރައްވަނީ ރައީސް ސާލިހް އަމިއްލަފުޅަށް ފެއިލްވެފައިވާކަން ފޮރުވުމަށް ކަމަށެވެ. މުޅި ގައުމު ފަގީރުވެއްޖެ ކަމަށާއި، އަމިއްލަ ޕާޓީތެރޭގަވެސް ހުޅުރޯވެފައިވާކަމަށް ޑރ ޖަމީލް ވިދާޅުވެފައި ވެއެވެ.

ޖަމީލު ވިދާޅުވީ، ދައުލަތުގެ ފައިސާގައި ރައީސް ސާލިހު ޖެހިވަޑައިގެންފައިވާ ކަމުގެ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.

އަދީބުއާއެކު މިހާރުވެސް އަޑިނޭނގޭ އެއްބަސްވުން އެކުލަވާލަނީ ކޮމްޕްރޮމައިޒްވެފައި ހުންނެވުމުން ކަމަށް ތުހުމަތުކުރެވޭ ކަމަށާއި، ޓެކްސް އަދި ޖޫރިމަނާގެ ނަމުގައި ނަންގަވާ ފައިސާއިން ސީދާ ހިންގަވަނީ ކޮރަޕްޝަން ކަމަށްވެސް ޑރ. ޖަމީލުގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.