• އެކްޓިވް ކޭސްގެ އަދަދު 967 ގައި، ހޮސްޕިޓަލްތަކުގަ 82 މީހުން
  • 14 ރަށާއި، 30 ރިސޯޓުގައި އެކްޓިވް ކޭސްތައް
  • ރިސޯޓުތަކުން 52 ފަތުރުވެރިންނާއި، 155 ސްޓާފުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 32 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސިން މިރޭކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 32 މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި، ބޭރު ގައުމުތަކަށް ނިސްބަތްވާ 15 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 19 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް 13 މީހުން ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 12،578 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 62 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެ، މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 11،559 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 967 މީހުންނެވެ. މީގެތެރެއިން 82 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްތައް ރިޕޯޓްކޮށްފައިވަނީ 14 ރަށާއި، 30 ރިސޯޓުންނެވެ.

30 ރިސޯޓުން 52 ފަތުރުވެރިންނާއި، 155 ސްޓާފުން އެކްޓިވް ކޭސަސްގެ ގޮތުގައި އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.