ސްކައުޓް އެޑްވާންސް ޔުނިޓް ލީޑަރސް ޓްރޭނިންގ ކޯސް ފުރިހަމަކޮށް ވުޑްބެޖް ހާސިލްކުރި އިތުރު 8 ސްކައުޓް ލީޑަރަކަށް ވުޑްބެޖް އެވޯޑުކޮށްފިއެވެ.

މިކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތު މާލޭގެ އިތުރުން، ރ. ހުޅުދުއްފާރާއި، ހދ ކުޅުދުއްފުށީގައި ކުރިއަށްދިޔައީ އެއްވަގުތެއްގައެވެ.

މާލޭގައި، ސްކައުޓްު އެސޯސިއޭޝަންގެ ހެޑްކްއާޓަރުގައި ބޭއްވި ރަސްމިއްޔާތުގައި 2 ސްކައުޓް ލީޑަރަކަށް ވުޑްބެޖް އެވޯޑު ކޮށްފައި ވެއެވެ. ރ. ހުޅުދުއްފާރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި 3 ސްކައުޓް ލީޑަރަކަށް ވުޑްބެޖް އެވޯޑު ކޮށްފައި ވެއެވެ. އަދި ހދ. ކުޅުދުއްފުށީގައި ހުންނަ މައި ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި 2 ސްކައުޓް ލީޑަރަކަށް ވުޑްބެޖް އެވޯޑުކޮށްފައި ވެއެވެ.

ވުޑްބެޖް އެވޯޑުގައި ހިމެނެނީ ޚާއްސަ ސްކާފަކާއި، 2 ލަކުޑި ބީޑްސްގެ އިތުރުން ލެދަރ ވޮގްލްއަކާއި، ޚާއްސަ ސެޓްފިކެޓެކެވެ.

ސްކައުޓް އެސޯސިއޭޝަންގެ ހެޑްކުއާޓަރުގައި 2 ސްކައުޓް ލީޑަރުންނަށް ވުޑްބެޖް ހަވާލުކޮށް ދެއްވީ ނޭޝަނަލް ޓްރެއިނިންގ ކޮމިޝަނަރ އަހްމަދު ހަނީފާއި، ނޭޝަނަލް ސްކައުޓް ކައުންސިލް މެމްބަރ އަހްމަދު އަލިމަނިކެވެ.

ހުޅުދުއްފާރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި 3 ސްކައުޓް ލީޑަރުންނަށް ވުޑްބެޖް ހަވާލުކޮށްދެއްވީ ހުޅުދުއްފާރު ސްކޫލްގެ ސްކައުޓް ލީޑަރ އަލީ ނިޔާޒެވެ.

އަދި މައި ކޮޖެކްގައި ބޭއްވި ރަސްމިއްޔާތުގައި 2 ސްކައުޓް ލީޑަރުންނަށް ވުޑްބެޖް ހަވާލުކޮށްދެއްވީ، ސްކައުޓް ލީޑަރ އަހްމަދު ފަހީމެވެ.

މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވުޑްބެޖް ހަވާލުކުރެވުނު ލީޑަރުން:

1. އަހްމަދު ޝާން - ދަރުމަވަންތަ ސްކޫލް

2. އާމިލް ޝަރީފް - ޣާޒީ ސްކޫލް

ރ. ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތުގައި ވުޑްބެޖް ހަވާލުކުރެވުނު ލީޑަރުން:

1. އަލީ އާރިފް - ހުޅުދުއްފާރު ސްކޫލް

2. އަލީ ރާފިއު - ހުޅުދުއްފާރު ސްކޫލް

3. އަބްދުއްރަޝީދު އަހްމަދު - ހުޅުދުއްފާރު ސްކޫލް

ހދ. ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވުޑްބެޖް ހަވާލުކުރެވުނު ލީޑަރުން:

1. ފިރާގު މުހަންމަދު - އަރަބިއްޔާ ސްކޫލް

2. އަބްދުﷲ މުފީދު - ނޮޅިވަރަމް ސްކޫލް

މީގެއިތުރުން، އައްޑޫ ސިޓީ މަރަދޫ ސްކޫލްގެ ސްކައުޓް ލީޑަރ ފާތިމަތު ޝިމްތާއަށްވެސް ވުޑްބެޖް އެވޯޑުކުރެވުނުކަން މިރޭ ވަނީ އިޢްލާން ކޮށްފައެވެ.

ވުޑްބެޖަކީ އެކަމަށް ކަނޑައެޅިފައިވާ ޚާއްސަ އެޑްވާންސްޑް ތަމްރީނު ކޯހެއް ފުރިހަމަކުރުމަށްފަހު ހަވާލުކުރެވޭ އެސައިންމަންޓް ފުރިހަމަ ކުރުން ދެވޭ، ބައިނަލްއަގްވާމީ ގޮތުން ފުރިހަމަ ސްކައުޓް ލީޑަރެއްގެގޮތުގައި ގަބޫލުކުރެވޭ ޝަރަފްވެރި އެވޯޑެކެވެ.

މި އެވޯޑަށް އަމާޒުކޮށް ސްކައުޓް އެސޯސިއޭޝަނުން ހިންގި އެޑްވާންސް ޔުނިޓް ލީޑަރސް ޓްރޭނިންގ ކޯސް ބާއްވާފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 18 އިން 24 އަށް ކ. ހުރާގައި ހުންނަ ޔޫތު ކޭމްޕްސައިޓްގައެވެ. މިކޯހުގައި 27 ލީޑަރުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައި ވެއެވެ.

މީގެ ތެރެއިން ފުރަތަމަ އެސައިންމަންޓް ފުރިހަމަކުރި 15 ލީޑަރަކަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ވުޑްބެޖް ހަވާލުކޮށްފައެވެ.

މިކޯހުގެ ދެވަނަ ގްރޫޕްގެ ބައިވެރިންނަށް ވުޑްބެޖް ދިނުމަށް މިރޭ މާލޭގައި ބޭއްވި ރަސްމިއްޔާތާއި، ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތާއި ހދ. ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތު އޮންލައިންކޮށް ގުޅިގެން ކުރިއަށް ގެންދިޔައިރު، ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ރައީސް އަލްއުސްތާޛު ހުސައިން މުހަންމަދު ހަނީފެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސްކައުޓް އެސޯސިއޭޝަންގެ ރައީސްވަނީ، ވުޑްބެޖް ހާސިލްކުރި ލީޑަރުންނަށް މަރްހަބާ ވިދާޅުވެ، ސްކައުޓް ހަރަކާތް އިތުރު ހަރުފަތަކަށް ގެންދިއުމަށް ލީޑަރުންނަށް ލިބިފައިވާ ތަމްރީނުތަކުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ.

އަދި ވުޑްބެޖް ލިބުމާއެކު ސްކައުޓް ލީޑަރުންގެ ޒިންމާ އިތުރަށް ބޮޑުވެގެން ދިޔައީކަން ހަނދާން ބެހެއްޓުމަށް އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ އާއިޝަތު އަހުލާމް ވިދާޅުވީ، މިހާރުގެ ހާލަތާއި ގުޅިގެން ސްކައުޓް ހަރަކާތް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް، ސްކައުޓް ހަރަކާތަކީ ދީނާއި ގައުމު ދެކެ ލޯބިވާ، އަޚްލާގު ރަނގަޅު ހަރުދަނާ ދަރިންތަކެއް ބިނާކުރުމަށް މަސައްކަތްކުރާ ހަރަކާތެއްކަމުން، ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުވެސް، ސްކައުޓް ހަރަކާތް ކުރިއަށް ގެންދިއުމަށް ސްކައުޓް ލީޑަރުންގެ ވަރަށްބޮޑު އެހީތެރިމާއި، އެއްބާރުލުން ބޭނުންވާ ކަމަށް ޗީފް ކޮމިޝަނަރ ވިދާޅުވިއެވެ.