ސައުދީ އަރަބިއްޔާއިން ހޯސްޓްކޮށްގެން މިފަހަރު ބާއްވާ ޖީ20 ސަމިޓްގެ މެދުތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮލްފް ކުޅުއްވަން ވަޑައިގެންފިއެވެ.

ޖީ20 ސަމިޓް ކުރިއަށްދަނީ އޮންލައިންކޮށެވެ. ސަމިޓް ހޮނިހިރު ދުވަހާއި އާދީއްތަދުވަހުވެސް ކުރިއަށްދާނެއެވެ.

ސަމިޓް ކުރިއަށްދާއިރު، މީޑިއާއަށް އެކްސަސް ދީފައެއް ނުވެއެވެ.

ކޮވިޑްބަލީގެ ހާލަތާ ގުޅިގެން މިސަމިޓް އޮންލައިންކޮށް ކުރިއަށް ގެންދާއިރު، ޖީ20 ގައި ހިމެނޭ ގިނަ ގައުމުތަކުގެ ވެރިން ހޮނިހިރު ދުވަހުވަނީ ސަމިޓްގައި ވާހަކަފުޅު ދައްކަވާފައެވެ.

ސަމިޓްގެ އެތެރޭގެ މަސްދަރާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ކުޑަ އިރުކޮޅަކު ސަމިޓުގައި ވާހަކަ ދެއްކެވި ކަމަށެވެ.

އޭނާގެ ވެރިކަމުގައި، އިގްތިސާދީގޮތުންނާއި، ކޮވިޑްބަލިމަޑު ހާލަތާ ކުރިމަތިލުމަށް ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ޓްރަމްޕް އަމިއްލަފުޅަށް ފަޚުރުވެރިވެ އެ ވާހަކަ ދެއްކެވިކަމަށް ވެއެވެ.

ދުނިޔޭގެ ހާލަތާއި، ދުނިޔޭގެ މައްސަލަތަކާ ގުޅޭގޮތުން ޓްރަމްޕް އެއްވެސް ވާހަކަފުޅެއް ނުދައްކަވާ ކަމަށް، އެތެރޭގެ މަސްދަރާ ހަވާލާދީ މީޑިއާއިން ބުނެއެވެ.

ހަމަ އެއާއެކު، ޖީ20 ގައުމުތަކާއެކު މަސައްކަތް ކުރެއްވުމަކީ ޝަރަފެއް ކަމަށާއި، ކުރިއަށްއޮތް ތާނގައިވެސް އެކުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށްވެސް ވެއެވެ.

ނޮވެމްބަރު 3 ގައި އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުން ރައީސް ޓްރަމްޕް ބަލިވި ނަމަވެސް، ޓްރަމްޕް އަދިވެސް ގެންދަވަނީ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވަމުންނެވެ.

ސަމިޓްގައި ކުޑަ އިރުކޮޅަކު ވާހަކަފުޅު ދެއްކެވުމަށްފަހު، ސަމިޓުގައި ތިއްބެވި ދުނިޔޭގެ ލީޑަރުންނަށް އެއްވެސް އެއްޗެއް ވިދާޅުނުވެވެނީސް ޓްރަމްޕްވަނީ އޭނާގެ ޓްރެޜަރީ ސެކްރެޓަރީ ސްޓީވަންއާ ފްލޯ ހަވާލު ކުރެއްވުމަށްފަހު ވަޑައިގެންފައެވެ.

އޭގެ އިރުކޮޅެއްފަހުން މޮޓޮކޭޑުގައި ވައިޓްހައުސްއިން ނުކުމެވަޑައިގެން ޓްރަމްޕް ވަޑައިގެންނެވީ ވަރޖިނިއާގައި އޮންނަ އޭނާގެ ގޮލްފް ކްލަބަށް ގޮލްފް ގުޅުއްވުމަށެވެ. ވާރޖިނިއާ އޮންނަނީ ވޮޝިންޓަނާ މާ ދުރަކު ނޫނެވެ.

ޖީ20 ސަމިޓް ހުޅުއްވައި ދެއްވީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ. ޓްރަމްޕާއި، އޭނާ ސަރުކާރުން ސައުދީއާ ވަރަށް ގާތް ގުޅުންތަކެއް ބޭއްވިއެވެ.

ޖީ20 ސަމިޓް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ މުޅި ދުނިޔެ މިހާރު ތަހައްމަލް ކުރަމުންދާ ކޮވިޑް ބައްޔަށެވެ. އެ ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޚާއްސަކޮށް ފަގީރު ގައުމުތަކަށް އެހީތެރިވުމާއި، އެފަދަ ގައުމުތަކުގެ އިގްތިސާދުތައް ކޮޅަށްޖެހުމަށް އެހީވުމާއި، ކޮވިޑް ވެކްސިން ފަގީރު ގައުމުތަކަށް ލިބޭނޭގޮތް ހެދުމުގެ މަޝްވަރާތައްވެސް ސަމިޓް ތެރޭގައި ކުރަން ކަނޑައަޅާފައި ވެއެވެ.

ޖީ20 ގައި ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި 20 އިގްތިސާދު ހިމެނޭ ގައުމުތަކެވެ.