މަސްތުވާތަކެތީގެ މައްސަލަތަކެއްގެ ތުހުމަތުގައި އިންޑިއާގެ ނާކޮށްޓިސް ކޮންޓްރޯލް ބޯޑް (އެންސީބީ) އިން، އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ސިންގްއާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗިއާ ހައްޔަރުކޮށްފިއެވެ.

އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

ޚަބަރު ލިބޭގޮތުގައި މި ދެ އާރޓިސްޓުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މުމްބާއީގައި މިދެމަފިރިން ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރުމުގެތެރޭ އެގެއިން މަސްތުވާތަކެތީގެ ވައްތަރެއް ކަމަށްވާ ކެނަބިސް ފެނިގެންނެވެ.

އިންޑިއާގެ މީޑިއާއިން ބުނެފައިވާ ގޮތުގައި، ހިނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކޮމީޑިއަން އާއި އޭނާގެ ފިރިމީހާ ނާކޮޓިސް ކޮންޓްރޯލް ބޯޑަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ.

ސުވާލު ކުރުންތައް ކުރިއަށް ދިޔައިރު އެ ދެމަފިރިންވެސް މަސްތުވާތަކެތި ބޭނުންކޮށްފައި ވާކަމަށް އަމިއްލައަށް އިއުތިރާފް ވެފައިވާކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ބުނެފައެވެ.

މިދިޔަ ޖޫންމަހުގެތެރޭ ފިލްމީ ތަރި ސުޝާންތު ސިންގް ރާޖްޕޫތު ދަންޖެހިގެން މަރުވި މައްސަލައާއި ގުޅިގެން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލާގައި ބޮލީވުޑުގެ ގިނަ ތަރިންގެ އިތުރުން ޕްރޮޑިއުސަރުން ވަނީ (އެންސީބީ) އަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އޭގެތެރޭގައި ފިލްމީތަރި ދީޕިކާ ޕަދުކޯން، ޝްރަދާ ކަޕޫރު، ސާރާ އަލީ ޚާން، އަރުޖުން ރާމްޕާލް އަދި ޕްރޮޑިއުސަރ ފީރޯޒް ނަދިއަދް ވާލާގެ އިތުރުން މަޝްހޫރު ޕްރޮޑިއުސަރ މަހޭޝް ބަޓްވެސް ހިމެނެއެވެ.

ބާރްތީ ސިންގްއަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ކޮމީޑިއަންއެކެވެ.

އިންޑިއާގެ ސޮނީ ޓީވީއިން ގެނެސްދޭ ދަ ކަޕިލް ޝަރްމާ ޝޯވއިން ވިދާލި ކޮމީޑިއަން ހައްޔަރު ކުރިއިރު، އޭނާ އައީ ފިރިމީހާ ހަރްޝްއާ އެކީގައި ނެށުމުގެ ހުނަރު ދައްކުވައިދޭ ޝޯވް "އިންޑިއާސް ބެސްޓް ޑާންސަރ" ޝޯވް ހޯސްޓް ކުރަމުންނެވެ.