ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ނެރިފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނާއި ގުޅިގެން މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނީ އެ ޑިޕާޓްމަންޓުންކަމަށް އެޓަރނީ ޖެނެރަލް ކަނޑައަޅުއްވާފައިވާކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންކަމަށް ބުނެފައިވެއެވެ.

އަދި ރެކޯޑް ސާފުކުރުމަށް ހުށަހަޅާއިރު، މުހިންމު ލިޔުންތައް ހަމަކުރުމަށާއި އޭގެ ތެރޭގައި ރެކޯޑް ސާފުކުރާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއާއި ދިވެހި ރައްޔިތެއް ނޫންނަމަ ޕާސްޕޯޓުގެ ކޮޕީ އަދި ކުންފުންޏެއްގެ ރެކޯޑް ސާފުކުރާނަމަ އެ ކުންފުންޏެއްގެ ރަޖިސްޓްރީގެ ކޮޕީ އަދި ފޯމުގެ ވެރިފަރާތާއި ގުޅޭނެ ފޯނު ނަންބަރު ހުށަހަޅަންވަނީ ބުނެފައެވެ.

މި މަޢުލޫމާތުތައް [email protected] އަށް މެއިލް ކުރުމުން ރެކޯޑް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެކަމަށާއި ރެކޯޑް ސާފުކޮށް ޖަވާބުތައް އީމެއިލް މެދުވެރިކޮށް ފޮނުވާނެކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.