ކުޑަކުދިންގެ އަދުލުގެ ބިލާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރުމަހުގެ 14 ވަނަ ދުވަހުއެވެ.

ކުޑަކުދިންގެ އަދުލުގެ ބިލެއް ސަރުކާރުން ހުށަހެޅީ ކުޑަކުދިންނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ޚާއްސަ އެހީތެރިކަމަކާއި ރައްކާތެރިކަން ލިބުން ހައްގު ބަޔަކަށްވާއިރު، ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒުކުރުމުގައި ގެންގުޅެންޖެހޭނެ ޚާއްސަ އުސޫލުތަކަކާއި ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކޮށް، މި ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ޚާއްސަ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ސަރުކާރަށް ފެންނާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ބިލު ގާނޫނަކަށް ވުމުން ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރެވިގެންދާއިރު ކުޑަކުދިން ކުރާ ޖިނާއީކުށުގެ މައްސަލަތައް ބަލަން ޚާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނޑައެޅި މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރަށް، އެ ކޯޓުގެ ސަރަހައްދީ ޑިވިޒަންތައް ގާއިމުކުރެވިގެން ދާނެއެވެ.

މަޖްލީހުން މި ބިލު ފާސްވެގެން ދިއުމާއިއެކު ކުޑަކުދިންނަށް މި ބިލުގައި ކަނޑައަޅާފައިވާ ހައްޤުތަކުގެ ސަބަބުން ކުޑަކުދިންނަށް އިތުރު ހިމާޔަތާއި ރައްކާތެރިކަން ލިބިގެންދާނެކަން ފާހަގަކޮށް، ކުޑަކުދިންނާއި ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާއަތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މި ޤާނޫނަށް ބަލާއިރު ޤާނޫނާ ޚިލާފުވާ، ޢުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޚާއްސަ އުސޫލުތަކާއި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާ އަދި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް މިޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނާއި ދަޢުވާ ކުރުމުގެ މަރުޙަލާގައި ތިބޭ ކުދިންގެ މައްސަލަތަކުގައިވެސް އެންމެ އިސްކަމެއް ދެވޭނީ، އެފަދަ ކުދިންގެ މައްޗަށް ދަޢުވާ ކުރުމުގެ ބަދަލުގައި ޑައިވަރޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކޮށް، އިސްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި މަސައްކަތް ކުރުމަށްކަމަށް ޖުވެނައިލް ކޯޓުން ބުނެއެވެ.

ހަމަ އެއާއެކު، ދަޢުވާ ކުރަންޖެހޭ މައްސަލަތަކުގައިވެސް، ކުދިންގެ މަސްލަހަތަށް ރިޢާޔަތްކޮށް އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަކީ މި ޤާނޫނު ތަންފީޒު ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައް ކަމުގައި ފާހަގަކުރެވޭ ކަމަށް އެ ކޯޓުން ބުނެއެވެ.

މި ޤާނޫނުގެ މަޤްސަދުތަކުގެ ތެރޭގައި ކުޑަކުދިންގެ މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުމުގައިއާއި، އަދަބު ކަނޑައެޅުމުގައާއި އަދި ޙުކުމް ތަންފީޒު ކުރުމުގެ މަރުޙަލާގައިވެސް، ކުދިން ޕްރޮބޭޝަންގައި ނުވަތަ އިސްލާޙީ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރާ ބަޔަކަށް ހެދުމަކީ މި ޤާނޫނުގެ އެންމެ މުހިއްމު އެއް މަޤްޞަދުކަން ފާހަގަކުރެވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަންފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިސާސް ލިބިގެންވަނީ، ޖުވެނައިލް ކޯޓާއި، ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޜަންތަކަށެވެ.

މި ޤާނޫނު ތަންފީޒު ކުރުމުގައި ވާންޖެހޭ އެންމެހައި ތައްޔާރީތައް، ކަމާގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޖުވެނައިލް ކޯޓުން ގެންދަނީ ކުރަމުންކަން އެ ކޯޓުން ފާހަގަކުރެއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލައެއް މިދިޔަ ސެޕްޓެންބަރު މަހު ރިޕޯޓުކޮށްފައިވެއެވެ.