ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން ބައިނަލްއަގުވާމީ ދަތުރުފަތުރު ކުރުމުގައި ކޮންމެވެސް ވަރަކަށް ހިފެހެއްޓުންތައް ހުރި ނަމަވެސް ވަރަށް އަވަހަށް ކޮވިޑް-19 އަށް ދާއިމީ ފަރުވާއެއް ހޯދުމަށް ދުނިޔޭގެ އެކި ގައުމުތަކުން ކުރަމުންދާ މަސައްކަތުގައި ކާމިޔާބީއާ ހަމައަށް ވާސިލްވާނެކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ. ގައުމުތަކުގެ ރީތިކަން ބަލާލުމަށާއި، ޗުއްޓީ ހޭދަކޮށްލުމަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ ގިނަ ބަޔަކު ދެކޭގޮތުގައި 2020 ވަނަ އަހަރަކީ ދަތުރުކުރުމުގައި "ލޮސްޓް" އަހަރެކެވެ.

އެހެންނަމަވެސް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ މީހުންގެ އުންމީދު 2021 ވަނަ އަހަރަށް ބޮޑުކަން ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތައް ބަލާލުމުން އެނގިގެންދެއެވެ. މިކަން އެންމެ ބޮޑަށް އެނގިގެންދިޔައީ އެމެރިކާގެ އޮވޭޝަން ޓްރެވަލް ގްރޫޕުން، އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން "ބަކެޓް ލިސްޓް ޓްރެވަލް: ދަ ޓޮޕް 21 ޑެސްޓިނޭޝަންސް ފޮރ 2021" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ލިސްޓެއް މިމަހުގެ 14 ވަނަ ދުވަހު ފޯބްސްގައި ޝާއިޢުކުރުމުންނެވެ. މި ލިސްޓަކީ އެކި މަންޒިލްތަކަށް އޮންނަ ޑިމާންޑާއި ފަތުރުވެރިން ގައުމުތަކަށް ދަތުރު ކުރުމަށް ޓްރެވަލް އެޖެންޓުން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ މިންވަރަށް ބެލުމަށްފަހު ތައްޔާރުކޮށްފައިވާ ލިސްޓެކެވެ.

މި ލިސްޓުގައި އަންނަ އަހަރު ޗުއްޓީއަށްދާން އެންމެ ކަމުދާ 21 މަންޒިލެއް ހިމެނިފައިވާއިރު، ލިސްޓުން ދިވެހިންނަށް އެންމެ ބޮޑު އުފަލެއް ގެނުވި ކަމަކީ ލިސްޓުގެ އެންމެ ކުރީގައި ދިވެހިރާއްޖެ ހިމެނިފައިވުމެވެ. ލިސްޓުގެ އެއްވަނަ ރާއްޖެއަށް ލިބިފައިވަނީ ރާއްޖެއަށް ގުދުރަތީގޮތުން ލިބިފައިވާ ރީތިކަމުގެ ސަބަބުންކަމަށް އޮވޭޝަންއިން ބުނެފައިވެއެވެ. އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްފައިވާ އޮވޭޝަން ޓްރެވަލް ގްރޫޕްގެ ލެއިޜަރ އެންޑް އެޑްވައިޒަރސްގެ ވައިސް ޕްރެޒިޑެންޓް އާންޗަލް ގާންދީ ދިވެހިރާއްޖެ ސިފަކުރައްވާފަ ވަނީ، ދުނިޔޭގެ ހަލަބޮލިކަމުން ދުރަށްގެންގޮސް، އަމާންކަމަށް ސިކުނޑި ވާސިލްކޮށްދޭނެ މަންޒިލެއްގެ ގޮތުގައެވެ.

ރާއްޖެއަކީ ރީތިކަން ބަލާލުމަށް ގިނަބަޔަކު އަންނަން ބޭނުންވާ ތަނަކަށްވާއިރު، ރާއްޖެ ހިމެނެނީ ކަނޑު އަޑި ބަލާލުމަށާއި، މޫދު ކުޅިވަރުތަކަށް ޝަޢުގު ހުންނަ މީހުންނަށް އެންމެ ކަމުދާ ގައުމުގެ ގޮތުގައި ކަމަށް އޮވޭޝަންއިން ބުނެއެވެ. މީގެ އިތުރުން ރާއްޖެ ޒިޔާރަތްކުރުމަށްފަހު ކޮންމެހެން ކުރަންޖެހޭނެ ކަންތައްތަކުގެ ގޮތުގައި ފްލޯޓިން ބްރެކްފާސްޓާއި، ކެންޑަލް ލައިޓް ޑިނަރފަދަ ކަންކަން އޮވޭޝަންއިން ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15ގައި ރާއްޖޭގެ މައި ބޯޑަރު ހުޅުވާލުމުން މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 59،105އަށް އަރާފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 441،952އަށް އަރާފައެވެ. އަދި ކުރިއަށް އޮތީ އައު އަހަރެއްގެ ފެށުން ކަމަށްވުމުން ކުރިއަށް އޮތް ތަނުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.

އެގޮތުން ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން މިހާރުވެސް ވަނީ އެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތަކަށް ޑިމާންޑު ބޮޑުވުމުން ދަތުރުތައް އިތުރުކޮށްފައެވެ. އަދި ހައި ސީޒަންއާ ދިމާކޮށް ބާއްވާ ފްލައިޓުތަކުގެ ޑިމާންޑު ބޮޑުވުމުގެ ސަބަބުން ބައެއް އެއާލައިންތަކުން ރާއްޖެ ދަތުރުކުރާ ފްލައިޓު ޖާގަ ބޮޑު ފްލައިޓަކަށް ބަދަލުކުރަންވެސް ނިންމާފައިވެއެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ރިސޯޓުތައްވެސް ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު ހުޅުވާލުމާއެކު ގިނަ ރިސޯޓުތަކެއް މިހާރު ވަނީ ހުޅުވާފައެވެ. އެގޮތުން 125 ރިސޯޓެއް މިވަގުތު ހުޅުވައި، ހިދުމަތްދެމުންދާއިރު، މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ފަތުރުވެރިކަމުގެ ހައި ސީޒަން އަންނަން ވާއިރަށް ރާއްޖޭގެ ހުރިހާ ރިޒޯޓްތަކެއްވެސް ހުޅުވޭނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ގެސްޓްހައުސް އަދި ހޮޓެލް ހިމެނޭހެން 189 ތަނަކާއި، 122 ސަފާރީއެއް ވަނީ ހިދުމަތަށް ހުޅުވާލާފައެވެ. ކުރިއަށް އޮތްތަނުގައި ގިނަ ތަންތަން ހުޅުވާލަން ނިންމާފައިވާއިރު ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސް ނުވާނަމަ 2022ގައި ރާއްޖޭގެ ފަތުރުވެރިކަން ހަމައަކަށް އެޅޭނެކަމަށް އިގްތިސޯދީ މާހިރުން ލަފާކުރެއެވެ.