ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަނެއްކާވެސް އަންގައިފިއެވެ.

ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާ މެންދުރު 14:30 އަށެވެ. އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވަނީ ނަސްރުގެ ދުވަހާއި ގުޅިގެން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އިދިކޮޅުން ބޭއްވި އެއްވުމާއި ގުޅޭ ގޮތުންނެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ކޯލިޝަނުން ބޭއްވި ޖަލްސާއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ މައްޗަށް 6 ތުހުމަތެއް ކޮށްފައިކަމަށް ޝުޖާއު ވަނީ ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.

ފުލުހުން ކުރި ތުހުމަތުތައް ހިއްސާކުރައްވަމުން ޝުޖާޢު ވިދާޅުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސްއެޅުމުގެ އިތުރަށް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުންފަދަ ކަންކަން ހިމެނޭ ކަމަށާއި އެއިން އެއްވެސް ތުހުމަތަކަށް އެއްބަސްނުވާ ކަމަށެވެ.

މިކަމަކީ އިދިކޮޅުން ކުރަމުންދާ މަސައްކަތްތަކަށް ބިރު ދައްކާ އަދި ހަރަކާތްތައް ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

އެ ޖަލްސާގައި ލީޑަރޝިޕްގެ ބޭފުޅުން އަދި ޖަލްސާގެ އެމްސީވެސް ވާހަކަ ދައްކަމުންދިޔަ ވަގުތުތަކުގައި ފުލުހުންގެ އެންގުންތަކާ އެއްގޮތަށް ކަންތައްތައް ކުރިއަށްގެންދިޔުމަށް ތަކުރާރުކޮށް އެތަނަށް އެއްވި މީހުނަށް އަންގާފައިވާނެކަން ފާހަގަކުރައްވާ ޝުޖާޢު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.