ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީން) ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ހާބަރ ބޭސިން ފުންކުރުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރ ލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމާއި، ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މަޝްރޫޢަކީ މުޅިއެކު 49.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް ކަމަށް އެމްޓިސީސީން ބުނެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 10 ނޮވެމްބަރ 2019 ގައެވެ.