ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ނިޔާވެފައިވަނީ މިއަދު މެންދުރުފަހު 2:09 ގައި ކަމަށްވެސް ބުނެފައި ވެއެވެ.

މިއީ، ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 46 ވަނަ މީހާއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން އިއްޔެގެ ނިޔަލަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 12،578 އަށް އަރާފައެވެ.

އިއްޔެގެ ނިޔަލަށް އެކްޓިވް ކޭސަސްގެ ގޮތުގައި 967 މީހުން ތިބިއިރު، މީގެތެރެއިން 82 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ރޭ ބުނެފައިވެއެވެ.