އެކްޝަން ތްރިލަރ "ޓޯރބާޒް" އަންނަ ޑިސެމްބަރ 11 ވަނަ ދުވަހު ޑިޖިޓަލް ޕްލެޓްފޯމް ނެޓްފްލިކްސްއިން ދައްކާނެކަން ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން އިއުލާނު ކޮށްފިއެވެ.

ގިރިޝް މަލިކް ޑައިރެކްޓްކުރާ މިފިލްމުގެ މެއިން ކާސްޓިންގެތެރޭގައި ބޮލީވުޑުގެ ތަރި ސަންޖޭ ދަތުގެ އިތުރުން ނަރްގިސް ފަޚްރީއާއި ރާހުލް ދޭވް ހިމެނެއެވެ.

މީގެ ކުރިން ފިލްމު ރިލީޒްކުރުމަށް ހަމަޖައްސާފައިވަނީ ތިއޭޓަރުތަކުގައި ކަމަށްވިއަސް، ދުނިޔެ ތަހައްމަލު ކުރަމުންދާ ކޮވިޑް-19 ހާލަތުގެ ސަބަބުން

އިންޑިއާގެ ތިއޭޓަރުތައް ހުޅުވޭނެ ސީދާ ވަކި ތާރިޚެއް ނޭނގޭތީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އޮންލައިން ސްޓްރީމިންގްއަށް ފިލްމު ދޫކޮށްލީއެވެ.

ފިލްމު ރިލީޒްކުރުމާ ގުޅޭގޮތުން ސަންޖޭދަތު ބުނެފައިވަނީ، މިފިލްމުގެ ވާހަކައަކީ އަފްޣާނިސްތާނުގައި ހިނގާ ހާދިސާތައް ވަރަށް ރަގަޅަށް ދައްކުވައިދޭނެ ފިލްމެއްކަމަށެވެ.

ސަންޖޭދަތު މިފިލްމުން ފެނިގެންދަނީ ނަސީރު ޚާން ނަމަކަށް ކިޔާ މީހެއްގެ ރޯލެވެ. ފިލްމުގައި ސަންޖޭ ކުޅެނީ އަމިއްލަ ހަޔާތުގައި ދިމާވާ ވަރަށް ތަފާތު ހާދިސާއަކުން އިބްރަތް ލިބި، އޭގެ ތަޖުރިބާގެ އަލީގައި ކުޑަކުދިންނަށް ކްރިކްޓްގެ ޒަރީއާއިން ރަނގަޅު ކުރިމަގެއް ހޯދައިދޭން މަސައްކަތްކުރާ މީހެއްގެ ރޯލެވެ.

https://www.youtube.com/watch?v=stbAOQiNMdk

މިދިޔަ އޯގަސްޓްމަހު ފުއްޕާމޭގެ ކެންސަރުޖެހި މިހާރު އެބަލިން ރަގަޅުވެފައިވާ ކުޅަދާނަ އެކްޓަރުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އިންތިޒާރުކުރަނީ؛ ކޭޖީ އެފް ޗެޕްޓަރ 2" އަށެވެ. މިފިލްމުގައި ސަންޖޭ ދަތު ފެނިގެންދާނީ ވިލަންއެއްގެ ރޯލުންނެވެ.

މިހާރު މިފިލްމުގެ ޝޫޓިންގް ކުރިއަށްދާއިރު ސަންޖޭ ދެން އެންމަ އަވަހަށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޔާޝް ރާޖްސް ފިލްމްސްގެ ޕްރީތްވީ ރާޖް ފިލްމުގައެވެ.

މިފިލްމުގެ ކުރޫއާއި އޭނާ ގުޅޭނެކަމަށް ބެލެވެނީ މިފެށޭ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ.