ކޮވިޑް-19 ވެކްސިން ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ހަމަހަމަ ކަމާއެކު ލިބޭނެ އުސޫލުތަކެއް ގާއިމްކުރުމާއި، ބޭހާއި ހޯދުމާއި އަދި ބައްޔަށް ޓެސްޓްކުރުމުގެ މަސައްކަތްވެސް އިންސާފުވެރި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދުނިޔޭގެ އެންމެ ބޮޑު 20 އިގްތިސާދު ހިމެނޭ ޖީ20 ގައުމުތަކުގެ ވެރިން ވައުދުވެވަޑައި ގެންފިއެވެ.

ގައުމުތަކުގެ ވެރިން މިކަމަށް އެއްބަސްވެވަޑައި ގެންނެވީ، ސައުދީ އަރަބިއްޔާ ހޯސްޓްކޮށްގެން އިއްޔެ ފެށި ޖީ20 ގައުމުތަކުގެ އެންމެ އިސްވެރިންގެ ދެދުވަހުގެ ސަމިޓުގެ މިއަދުގެ ސެޝަންގައެވެ.

ގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުމުގައި ހަމަހަމަ އުސޫލެއް ކަނޑައެޅުމުގެ އިތުރުން، ކޮވިޑް ބަލިމަޑު ހާލަތުން އަރައިގަތުމުގައި ފަގީރު ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް ގައުމުތަކުގެ ވެރިންވަނީ އެއްބަސްވެވަޑައި ގެންފައެވެ.

ޖީ20 ސަމިޓު މިރޭ ނިންމަން ހަމަޖެހިފައި ވާއިރު، މިހާރު އެކަށައަޅާފައިވާ އެއްބަސްވުމުގެ ދެލިކޮޕީގައި ބުނެފައިވަނީ، ދުނިޔޭގެ ހުރިހާ އެންމެނަށްވެސް އަތްފޯރާ އަގެއްގައި އަދި ހަމަހަމަ އުސޫލަކުން ވެކްސިން ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސަމިޓު ހުޅުއްވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްވެސްވަނީ، ވެކްސިނާއި ބޭސް އަތްފޯރާ އަގެއްގައި އަދި ހަމަހަމަ އުސޫލަކުން ލިބުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ވެކްސިންގެ އަގު ހެޔޮ ކުރެވޭނީ ވެކްސިނާއި، ބޭހާއި، ބައްޔަށް ފަރުވާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ގައުމުތަކުން އިންވެސްޓްކޮށްގެން ކަމަށް ބުނެ އީޔޫއިންވަނީ ޖީ20 ސަމިޓުން އެކަމަށް އިންވެސްޓްކުރުމަށް ގޮވާލައްވާފައެވެ.

ހަމަ އެއާއެކު، ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ބޮޑެތި ބައެއް ގައުމުތަކުންވަނީ، ވެކްސިން ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި އަދަދުތަކުން އިންވެސްޓްކުރައްވާނޭ ކަމަށް ވައުދުވެވަޑައި ގެންފައެވެ.

ބައެއް ގައުމުތަކުން، ތަރައްގީކޮށްފައިވާ ވެކްސިން ދޭނޭ ކަމަށް ސަމިޓުގައި ވެރިން ވިދާޅުވެފައި ވެއެވެ.

ޖީ20 ސަމިޓުގެ އެޖެންޑާގައި އިއްޔެ މުޅިންވެސް ބަހުސް ކޮށްފައިވަނީ، ކޮވިޑްބަލީގެ ހާލަތާއި، އެ ހާލަތުން އަރައިގަތުމާއި، އިގްތިސާދުތައް އަލުން ކޮޅަށްޖެހުމަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުންނެވެ.

ކޮވިޑްބަލިމަޑު ހާލަތުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދުވަނީ، ފުންމިން ނޭނގޭ ވަޅުގަނޑަކަށް ވެއްޓިފައެވެ. އެހެންކަމުން، ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިޘާއިން އަރައިގަތުމުގެ ބަހުސް އޮތީ ސަމިޓުގެ އެޖެންޑާގެ އެންމެ ކުރީގައެވެ.

ކޮވިޑްބަލި ހާލަތުގެ ސަބަބުން ދުނިޔޭގައި މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކާ ދެމެދު އޮންނަ ފަރަގު ބޮޑުވެގެން ހިނގައިދާނެތީ ޖީ20 ގައުމުތަކުގެ ވެރިންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.