• ކ. މާފުށި މޮނިޓަރިންގއަށް ލައިފި
  • އެކްޓިވް ކޭސްގެ އަދަދު 956 ގައި، 86 މީހަކު ހޮސްޕިޓަލްތަކުގައި
  • 12 ރަށާއި، 31 ރިސޯޓުގައި އެކްޓިވް ކޭސްތައް
  • ރިސޯޓުތަކުން 54 ފަތުރުވެރިންނާއި، 155 ސްޓާފުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 30 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސިން މިރޭކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 30 މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި، ބޭރު ގައުމުތަކަށް ނިސްބަތްވާ 8 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 27 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް 3 މީހުން ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 12،608 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 40 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެ، މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 11،599 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 956 މީހުންނެވެ. މީގެތެރެއިން 86 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްތައް ރިޕޯޓްކޮށްފައިވަނީ 12 ރަށާއި، 31 ރިސޯޓުންނެވެ.

31 ރިސޯޓުން 54 ފަތުރުވެރިންނާއި، 155 ސްޓާފުން އެކްޓިވް ކޭސަސްގެ ގޮތުގައި އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، މާފުށީ ގެސްޓް ހައުސްއެއްގައި ހުރެފައި ފުރަން އުޅުނު ފަތުރުވެރިޔަކު ޓެސްޓްހެދުމުން ނަތީޖާ ޕޮޒިޓިވް ވެފައިވާތީ މާފުށި މިވަގުތު އޮތީ މޮނިޓަރިންގައި ކަމަށެވެ.

މާފުށި މޮނިޓަރިންއަށް ލާފައިވާއިރު، ފަތުރުވެރިޔާ ފުރަން އުޅުނޫ އެ ރަށުގައި 27 ދުވަސް ހޭދަކުރުމަށް ފަހުގައި ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން، މިހާރު މާފުށީގައި ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.