މަޖިލީހުގެ ކޮމެޓީ ކޮޓަރިއަކާއި ރައީސް އަދި ނައިބު ރައީސްގެ ކޮޓަރިކޮޅު ބަގްކުރަން އުޅުނު ކަމުގެ މައްސަލަ ބަލއިދިނުމަށް އެދި މަޖިލީހުގެ ސަލާމަތީ ހިދުމްތަކާގުޅޭ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތުން އަންގާ އެންގުންތައް އިއްވަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމެޓީއެއް ބަގްކުރުމަށް އަޑުއަހާ ޒާތުގެ އާލާތެއް ކޮމެޓީ ކޮޓަރިއެއްގެ އިތުރަށް މަޖިލީހުގެ ނައިބު ރައީސްގެ ކޮޓަރިކޮޅުގެ އިތުރަށް އެމަނިކުފާނުގެ ކޮޓަރިކޮޅުގައިވެސް ހަރުކުރުމަށް މަޖިލީހުގެ ސެކިއުރިޓީ ސްޓާފުންނާއި ފުލުސް އޮފީހުގައި މަސައްކަތްކުރާ މީހަކާ ވާހަކަދެކެވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެ ސެކިއުރިޓީ ސްޓާފް ވަނީ މަޖިލީހުގެ ސަރޖެންޓް އެޓް އަރމްސްއަށާއި ސެކެޓްރީ ޖެނެރަލަށް އެމައުލޫމާތު ފޯރުކޮށްދީފައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ވިސްނީ މިކަމުގަ ސަރޖެންޓް އެޓް އަރމްސް އަދި އިތުރު މަސައްކަތެއް ކޮށްލުމަކީ ރަނގަޅު ކަމެއްގެ ގޮތުގަ. މިމައްސަލަ ފުލުސް އޮފީހަށް ހުށަހެޅުން އެއީ އަޅުގަނޑުގެ ހިތުގަ އެއްގޮތަކަށްވެސް އޮތް ކަމެއް ނޫން. އަދި ކުރިއަށްއޮތް ތަނުގަވެސް އޮތްކަމެއް ނޫން. އަޅުގަނޑު ބެލީ މިތަނުން އޭގެ ކަން ހިނގައިދިޔަ ގޮތް ކޮންމެވެސް މިންވަރަކަށް ބެލުމަށް."
މަޖިލީހުގެ ރައީސް ނަޝީދު

މިމައްސަލާގައި މަޖިލީހުގެ އިދާރާއިން މަސައްކަތް ކުރީ ވަރަށް ހަރުދަނާގޮތެއްގައި ކަމަށްވެސް މަޖިލީހުގެ ނަޝީދު ވިދާޅުވިއެވެ.