އަންނަ އަހަރު ހިލޭ އެހީއާއި، އާމްދަނީގެ ގޮތުގައި 21.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބަޖެޓު ދިރާސާކުރާ ކޮމިޓީން ރޭ ބެއްވި ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 34.8 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކޮށް ނިންމައި، ބަޖެޓު ރިޕޯޓު ރޭ ފޮނުވާފައިވާ ކަމަށެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ހިމެނޭ މެމްބަރުންގެ އިއްތިފާގުން ކޮމިޓީން ފާސްކޮށްފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 34.9 ބިލިއަން ރުފިޔާ ހުށަހެޅުމަށެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓަށް 134.9 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓަށް ބަޖެޓު ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި، އަންނަ އަހަރު ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރި 17.8 ބިލިއަން ރުފިޔާއަށް 3.3 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރު އާމްދަނީގެ ގޮތުގައި 21.2 ބިލިއަނަށް ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ފާސްކޮށްފައިވާ ކަމަށެވެ.

އަދި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމުގެ ހަރަދަށް 135.2 މިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށާއި، ސަރުކާރު އޮފީސްތަކުގެ ޑޮމެސްޓިކް ހަރަދު 209 މިލިއަން ރުފިޔާއަށް ދަށްކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ސަރުކާރުގެ އޮފީސްތަކުގެ ހަރަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 26 ބިލިއަން ރުފިޔާގައެވެ.

މީގެ އިތުރުން ދައުލަތުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބަޖެޓު، 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެކަމަށް ލަފާކޮށްފައިވާއިރު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ އެއަދަދު 12.3 ބިލިއަން ރުފިޔާއަށް ދަށްވާނެކަމަށް ލަފާކޮށްފައެވެ.

ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާކުރިއިރު ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ ބައެއް ކަންކަން ވަނީ ބަޖެޓަށް އިތުރުކޮށްފައެވެ.

އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 298 މިލިއަން ރުފިޔާ ލިބޭނެކަމާއި، ގްރީން ޓެކްސްގެ ގޮތުގައި 253 މިލިއަން ރުފިޔާއާއި، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 218 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖުގެ ގޮތުގައި 219 މިލިއަން ރުފިޔާ، އަދި ބިން ވިއްކުމާއި، ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން ރުފިޔާގެ އިތުރުން ހަރުމުދަލުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ އިތުރުކޮށްފައެވެ.

ބަޖެޓު ކޮމިޓީން ފާސްކުރި ބަޖެޓު ރިޕޯޓަށް ބަހުސްކުރުން އަންނަ އާދީއްތަ ދުވަހު ފަށަން ވަނީ ނިންމާފައެވެ. ކޮމިޓީން ފާސްކުރި ބަޖެޓް ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށްވެސް 7 މިނެޓުގެ ފުުސަތެއް ދޭން ވަނީ ނިންމާފައެވެ.