ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރެޑޯނާ މަރުވެއްޖެއެވެ.
މެރެޑޯނާގެ ތަރުޖަމާނު ބުނެފައިވަނީ، މެރެޑޯނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.
އާޖެންޓީނާގެ މީޑިއާއިންވެސް މެރެޑޯނާގެ މަރުގެ ހަބަރުތައް އާންމު ކުރަމުން އެބގެންދެއެވެ.
ޑިއޭގޯ މެރެޑޯނާ މަރުވިއިރު އުމުރަކީ 60 އަހަރެވެ.
ވޯރލްޑް ކަޕް ފުޓްބޯޅަ މުބާރާތް 1986 ވަނަ އަހަރު އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގެ އެންމެ އިސް މޭސްތިރިއަކީ މެރެޑޯނާއެވެ.
ފުޓްބޯޅައިގެ ކެރިއަރުގެ ފަހުކޮޅުން ފެށިގެން މެރެޑޯނާ ގެންދިޔައީ ސިއްހީ އެތައް މައްސަލަތަކާ ހަނގުރާމަ ކުރަމުންނެވެ.
މެރެޑޯނާއަށް ސިއްހީ މައްސަލަތައް ކުރިމަތިވާން ފެށި މައިގަނޑު ސަބަބަކަށްވީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.
ސިކުނޑީގެ ނާރެއްގައި ހެދުނު ގަނޑު ލޭކޮޅެއް ނަގަން މިދިޔަމަހުވެސް މެރެޑޯނާގެ ސިކުނޑީގެ ކާމިޔާބު އޮޕަރޭޝަނެއް ކުރެވިފައި ވެއެވެ.