ޗައިނާއިން ތަރައްގީކޮށްފައިވާ ކޮވިޑް-19 ވެކްސިން ދިނުމުގައި އެންމެ އިސްކަންދޭ ގައުމުތަކުގެ ތެރޭގައި މެލޭޝިޔާ ހިމަނާފައިވާ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވެއްޖެއެވެ.
ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވީ، ޗައިނާގެ ކޮވިޑް ވެކްސިން މެލޭޝިޔާއަށް ވަރަށް އަވަހަށް ލިބެނޭ ކަމަށެވެ.
ޗައިނާއިން ތަރައްގީކޮށްފައިވާ ވެކްސިން ފޯރުކޮށްދިނުމުގައި އެންމެ އިސްކަންދޭ ގައުމުތަކުގެ ލިސްޓުގައި މެލޭޝިޔާ ހިމެނޭކަން ހާމަކުރެއްވީ، ޗައިނާއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ބައި ޓިއަން ކަމަށްވެސް މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.
މެލޭޝިޔާ ބޮޑުވަޒީރާއި ޗައިނާ އެމްބަސެޑަރ ބައްދަލުކުރެއްވީ އިއްޔެއެވެ.
ޗައިނާގެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި މެލޭޝިޔާ ހިމެނިކަމަށްޓަކައި މެލޭޝިޔާގެ ބޮޑުވަޒިރު މުހްޔިއްދީން ޔާސީންވަނީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވީ، ޖެހިޖެހިގެން ވޭތުވެދިޔަ 11 އަހަރު ޗައިނާއަކީ މެލޭޝިޔާގެ ވިޔަފާރީގެވެސް އެންމެބޮޑު ބައިވެރިޔާ ކަމަށެވެ.
ދެގައުމުގެ ދެމެދުގައި މިދިޔަ އަހަރު ކުރެވުނު ވިޔަފާރީގެ އަގު 315.19 ބިލިއަން ރިންގިޓް (77.3 ބިލިއަން އެމެރިކާ ޑޮލަރަށް) އަރައެވެ. ޗައިނާއިން މެލޭޝިޔާގައި ކުރި އިންވެސްޓްމަންޓުގެ އަގު 18.25 ބިލިއަން ރިންގިޓަށް އަރައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ވިދާޅުވީ، ޗައިނާގެ ކުންފުނިތަކުން މެލޭޝިޔާގައި އިންވެސްޓްކުރުމަށް އަބަދުވެސް މަރްހަބާކިޔާ ކަމަށެވެ. ޚާއްސަކޮށް ހައި-ޓެކް ސިނާއަތުގައި އިންވެސްޓްކުރުމުގެ ދޮރުތައް ހުޅުވިފައިވާ ކަމަށް ވިދާޅުވިއެވެ.
ޗައިނާގެ ކޮވިޑް ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި މެލޭޝިޔާ ހިމެނޭކަމަށް، މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވެފައިވާއިރު، ޗައިނާގެ ބޮޑެތި ކުންފުނިތަކުން ގެންދަނީ ކޮވިޑަށް ވެކްސިން ތަރައްގީކޮށް ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޗައިނާ ސަރުކާރަށް ނިސްބަތްވާ ސީނޯފާރމުން ތަރައްގީކުރި ކޮވިޑް-19 ވެކްސިން އަޖުމަ ބެލުމުގެ ފަހުގެ މަރްހަލާގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.
އެގޮތުން، ސަރުކާރުގެ މުފައްޒަފުންނާއި، ބޭރުގައި ކިޔަވާ ޗައިނާގެ ދަރިވަރުންނާއި އަދި ބޭރު ގައުމުތަކަށްދާ ޗައިނާގެ މަސައްކަތްތެރިންގެ މިލިއަނަކަށްވުރެ ގިނަމީހުންނަށް މިވެކްސިން މިހާތަނަށް ދީފައި ވެއެވެ.
އަޖުމަ ބެލުމުގެގޮތުން ވެކްސިން ދެވުނު ވަރަށްމަދު މީހެއްގެ ފަރާތުން ކުދިކުދި އަލާމާތްތައް ފެނުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް މައްސަލައެއް ކުރިމަތިނުވާ ކަމަށް ސީނޯފާރމުން ބުނެފައި ވެއެވެ.
ޗައިނާގެ އިތުރުން، ސީނޯފާރމްގެ ވެކްސިނެއްގެ އަޖުމަ ބެލުމުގެ މަސައްކަތް ޔޫއޭއީ، ބަހްރެއިން، މިސްރު، އުރުދުން، ޕޭރޫ އަދި އާރޖެންޓީނާގައިވެސް ކުރިއަށްދެއެވެ.