އަލްމަރްހޫމް ޑރ.އިބްރާހީމް އުމަރު މަނިކަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދަޅުވީ ޑރ. އިބްރާހީމް އުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ފޮނުއްވި ތައުޒިޔާގައެވެ.

ޑރ.އިބްރާހީމް އުމަރު މަނިކުގެ ބޭބެ މުހައްމަދު އުމަރު މަނިކަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި، ޑރ. އިބްރާހީމް އުމަރު މަނިކު އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ.

އަދި ޑރ.އިބްރާހީމް އުމަރު މަނިކަކީ، ސެންޓްރަލް ހޮސްޕިޓަލަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި، ހަމައެއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށްވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

ޑރ.އިބްރާހީމް އުމަރު މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ.

އަލްމަރްހޫމް ޑރ.އިބްރާހީމް އުމަރު މަނިކަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. ސެންޓްރަލް ހޮސްޕިޓަލްގެ ސީނިއަރ ހައުސް އޮފިސަރ އިން އެނިސްތީޒިއާކަން ދެއްވީ 16 އޮކްޓޫބަރު 1982 ގައެވެ. ހޮސްޕިޓަލްގެ ވަޒީފާއިން 21 އޭޕްރިލް 1988 ގައި ވަކިވެވަޑައިގެންނެވިރު ހުންނެވީ ސީނިއަރ ރަޖިސްޓްރާރ އިން އެނިސްތީޒިއޮލޮޖީގެ މަގާމުގައެވެ.

އަލްމަރްހޫމް ޑރ.އިބްރާހީމް ޢުމަރު މަނިކަކީ، ޔުނިވަރސަލް އެންޓަރޕްރައިޒަސް ލިމިޓެޑުގެ އެއް ޑައިރެކްޓަރުވެސް މެއެވެ. އަދި މާލޭ އެރޭޓޭޑް ވޯޓަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އުފެއްދެވީވެސް އިބްރާހީމް އުމަރު މަނިކެވެ. ކޮކާކޯލާގެ އުފެއްދުންތައް ރާއްޖެއަށް ގެނައުމުގައިވެސް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

އިގްތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1998 ވަނަ އަހަރު އެ ކުންފުންޏަށްވަނީ އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުން ވަނީ ދެއްވާފައެވެ. އެ ކުންފުނީގެ މަސައްކަތް ފުރަތަމަ ފެށުނީ 1983 ވަނަ އަހަރުއެވެ.