އިލެކްޓޯރަލް ކޮލެޖް ވޯޓު ޖޯ ބައިޑެންއަށް ކަށަވަރު ވެއްޖެނަމަ ވައިޓްހައުސް ދޫކޮށްލައްވަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ، އެމެރިކާގެ މީޑިއާއިން ޕްރޮޖެކްޓް ކޮށްފައިވާގޮތުން ޖޯ ބައިޑެންއަށް ވަނީ 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ކަށަވަރުވެފައެވެ. ރައީސް ޓްރަމްޕަށް ކަށަވަރުވެފައިވަނީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

އެމެރިކާގެ ސްޓޭޓްތަކުން މިހާރު ގެންދަނީ ރިޔާސީ އިންތިޚާބުގައި އާންމު ރައްޔިތުންލީ ވޯޓުގެ ފައިނަލް ނަތީޖާ އިޢްލާން ކުރަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ސާފުވެ، އިލެކްޓޯރަލް ކޮލެޖް ވޯޓުތައް ފައިނަލްވުމުން ސްޓޭޓްތަކުން ކަނޑައެޅޭ "އިލެކްޓަރސް" ޑިސެމްބަރު 14 ގައި ބައްދަލުކޮށް ޥޯޓުލައި، ރައީސް ކަމަށް އިންތިޚާބު ކުރެވޭ ބޭފުޅަކު ކަށަވަރު ކުރައްވާނެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓާގުޅޭ އެއްވެސް މައްސަލައެއް އޮތްނަމަ ޑިސެމްބަރު 8 ގެ ކުރިން އެކަމެއް ހައްލުކުރަންޖެހެއެވެ.

ވޯޓުގައި މަކަރާއި ހީލަތްހަދައި، ބޮޑެތި އޮޅުވާލުންތައް ހިމެނޭ ކަމަށް ބުނެ ޓްރަމްޕްގެ ކެމްޕެއިންގެ ފަރާތުން ކޯޓުތަކަށް މައްސަލަ ހުށަހަޅައި، ވޯޓު އަލުން ގުނަން ޖައްސައި އަދި ވާދަވެރި ސްޓޭޓްތަކުން ރަސްމީ ނަތިޖާ ނެރުން ކޯޓު މެދުވެރިކޮށް ހުއްޓުވަންވެސް މަސައްކަތް ކުރަމުން ގެންދެއެވެ.

އެހެން ނަމަވެސް، ޓްރަމްޕްގެ ޓީމުން މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ވެފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގެ ބަލި ރައީސް ޓްރަމްޕް އަދިވެސް ގަބޫލުކުރައްވާފައި ނުވާއިރު، ޓްރަމްޕް ގެންދަވަނީ ވޯޓު އޮޅުވާލިކަމަށް ވިދާޅުވާ ތުހުމަތުތައް ތަކުރާރު ކުރައްވަމުންނެވެ.

ވޯޓުލީ ދުވަހުގެ ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް މިއަދު ވިދާޅުވީ، އޭނާ ވައިޓްހައުސް ނުކުމެވަޑައި ގަތުމާދެމެދު ވަރަށް ގިނަ ކަންކަން ހިނގާނެ ކަމަށެވެ.

ވެރިކަން ބަދަލުކުރުމުގެ މަސައްކަތުގައި ސަރުކާރާއި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުގެ ޓީމާ ދެމެދު މަސައްކަތް ކުރުމަށް ގާއިމްކޮށްފައި ހުންނަ ޓްރާންސިޝަން އޮފީހުގެ މަސައްކަތްތައް މިހާރު ރަސްމީގޮތުން ފެށިފައިވާއިރު، މިއަދުވެސް ޓްރަމްޕް ވިދާޅުވީ، ބައިޑެން އޭނާގެ ކެބިނެޓު ނެގުމުގެ މަސައްކަތް ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދެއްކެވިއިރުވެސް ޓްރަމްޕްގެ ބަސްމަގާއި ރާގު ހުރީ، ދެންވެސް ވެރިކަމުގައި ހުންނަވާނީ އޭނާކަމަށް ދޭހަވާ ގޮތަށެވެ.

އަދި އިލެކްޓޯރަލް ކޮލެޖް ވޯޓުން ކުރިއަށްއޮތް ދައުރުގެ ރައީސަކީ ބައިޑެންކަމަށް ކަނޑައެޅި ނަމަވެސް، ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލު ނުކުރައްވާނެކަމަށް ޓްރަމްޕްވަނީ އިޝާރާތް ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ، ރިޔާސީ އިންތިޚާބުވަނީ "ވަގަށް ނަގާފަ" އެވެ.