ބޮލީވުޑުގެ ރިޕޯޓުތައް ބުނާގޮތުން ސަނީ ޑިއޯލް ދަނީ ކޮއްކޮ ބޮބީ ޑިއޯލްއާއި ދަރިފުޅު ކަރަން ޑިއޯލް ހިމަނައިގެން ފިލްމެއް އުފައްދައި ޑައިރެކްޓްކުރުމުގެ މަސައްކަތަށް ތައްޔާރު ވަމުންނެވެ.
ސަނީމެންގެ އާއިލީ ފިލްމު ޕްރޮޑަކްޝަން ހައުސް ވިޖޭތާ ފިލްމްސްގެ ދަށުން އުފައްދާ މިފިލްމުގައި، އެ އާއިލާގެ ތަރިން ހިމަނަން ހަމަޖެހިފައި ވާއިރު ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑިއޯލްވަނީ މިދިޔަ އަހަރުގެތެރޭ ނުކުތް ފިލްމު ޕަލް ޕަލް ދިލްކޭ ޕާސްއިން ބޮލީވުޑަށް ތައާރަފުވެފައެވެ.
ބޮލީވުޑްގެ ރިޕޯޓުތައް ބުނާގޮތުން މިފިލްމު މާގިނަ ބައެއްގެ މެދުގައި އެހާ މަގުބޫލު ފިލްމަކަށް ނުވުމަކީވެސް ސަނީ އަމިއްލަ އުފެއްދުމެއް ގެނެސްދިނުމަށް ބޭނުންވި ސަބަބެއްކަމަށް ބެލެވެއެވެ.
ކަރަން ޑިއޯލްއަށް ރަނގަޅު އަދި އެކަށީގެންވާ ފިލްމު ސްކްރިޕްޓްތައް ހޯދުމުގެ މަސައްކަތް ސަނީ ކުރަމުންދާއިރު ކޮއްކޮ ބޮބީ ޑިއޯލްގެ ކެރިއަރުވެސް ކުރިއެރުވުމަށް ސަނީދަނީ އެހީތެރިވަމުންނެވެ.
މަޝްހޫރު ފިލްމީ ލެޖެންޑް ދަރުމެންދްރާގެ އުފަން ދެކުދިން ކަމުގައިވާ ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލްއަކީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ވަރަށް ވިދާލި ދެތަރިންނެވެ.
ބޮބީ ޑިއޯލް އެންމެފަހުން ފެނިގެންދާނީ ވެބް ސީރީޒް އާޝްރަމްއިންނެވެ.