އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކޮވިޑް ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ، ވެރިރަށުގައި އަލުން ކާފިއު ހިންގަން ވިސްނަމުންދާ ކަމަށް، ސްޓޭޓް ސަރުކާރުން ބުނެފިއެވެ.

ނިއުދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދް ކެޖްރިވާލްގެ އާމް އާދްމީ ޕާޓީން ދިއްލީ ހައި ކޯޓުގައި ބުނެފައިވަނީ، ބަލި ފެތުރުން މަދުކޮށް ކޮންޓްރޯލް ކުރުމަށް އަޅަން ވިސްނަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑަށް ކާފިއު ހިންގުންވެސް ހިމެނޭ ކަމަށެވެ.

ސްޓޭޓް ސަރުކާރުން ކޯޓުގައި މިހެން ބުނެފައިވަނީ، ނިއުދިއްލީގައި ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އެކަން ހުއްޓުވަން އަޅަމުންދާ ފިޔަވަޅު ތަކަކީ ކޮބައިތޯ ދިއްލީ ހައި ކޯޓުން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް ނިއުދިއްލީން 5،475 މީހުން އަލަށް ޕޮޒިޓިވް ވެފައިވާކަމަށް ރެކޯޑު ކުރެވިފައި ވާއިރު، އެދުވަހު ބަލީގައި 91 މީހުން މަރުވެފައި ވެއެވެ.

ކޮވިޑް ބަލީގައި ނިއުދިއްލީން އެކަނިވެސް މިހާތަނަށް 8،811 މީހުން މަރުވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ އަދަދުވެސް މިހާރުވަނީ ބައި މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.

އިންޑިއާގެ އެހެން ހުރިހާ ސްޓޭޓަކާ އަޅާބަލާއިރު، ވެރިރަށް ނިއުދިއްލީ ވެފައިވަނީ ކޮންމެ ދުވަހަކު އެންމެ ގިނަމީހުން ޕޮޒިޓިވްވާ ސިޓީއަށެވެ. ފާއިތުވެގެންމިދިޔަ މުޅި ހަފްތާ ތެރޭގައި ނިއުދިއްލީން ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 5،000 އިން މަތީގައެވެ.

ނިއުދިއްލީން މިހާތަނަށް ކޮވިޑްބަލީގައި އެންމެ ގިނަމީހުން މަރުވެފައިވަނީ މި ނޮވެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހު މަރުވީ 131 މީހުންނެވެ.

އެންމެ ގިނަމީހުން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވިފައިވަނީ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުއެވެ. އެދުވަހު 8،593 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ބަލީގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމުގައިވެސް ނިއުދިއްލީއަށް ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. އެ ސިޓީގެ ހޮސްޕިޓަލްތަކުގައި ހުރި އައިސީޔޫ އެނދުތައް މިހާރު ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ހޮސްޕިޓަލްތަކުން ބުނެއެވެ.

ނިއުދިއްލީގެ 60 ހޮސްޕިޓަލެއްގައި މިހާރު އައިސީޔޫ އެންމެ އެނދެއްވެސް ހުސްކޮށް ނެތްއިރު، ދެންހުރި ހޮސްޕިޓަލްތަކުންވެސް ލިބެންހުރީ މަދު އެނދެއް ކަމަށް، އިންޑިއާގެ ޕީޓީއައި ނޫސް އޭޖެންސީން އާންމުކުރި ރިޕޯޓެއްގައި ބުނެފައި ވެއެވެ.

ބަލިމީހުން އިތުރުވުމާއި، ފަރުވާދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން ހޮސްޕިޓަލްތައްވެސް މިހާރުއޮތީ ހާސްކަންމަތީގައި ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.

ނިއުދިއްލީގެ ހާލަތު މިހާ ބޮޑަށް ގޯސްވަމުންދަތީ، މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގައި އާންމުން ފަރުވާކުޑަ ކުރުމާއި އަދި މިދުވަސްވަރަކީ އެކިއެކި އިހްތިފާލުތަކާ ގުޅިގެން ބަންދު ދުވަސްވަރެއް ކަމަށްވުމުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ފިނިމޫސުން ކުރިމަތިވުމާއި އަދި ނިއުދިއްލީގެ ވައި ނުސާފުވުން އިތުރުވަމުންދަތީ، ބަލީގެ ހާލަތު ހައްތަހާ ގޯސްވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ތަޖުރިބާކާރުން އިންޒާރު ކުރައްވައެވެ.