ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އެންމެ ޝަރަފުވެރި އެވޯޑު ރާއްޖެއަށް ލިބިގެންދިޔައީ އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ މީހުންގެ ބުރަ މަސައްކަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމާއި ގުޅިގެން ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެ އެވޯޑު ރާއްޖެއަށް ލިބިގެންދިޔައީ އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަމަށެވެ.

ވޯލްޑް ޓްރެވަލް އެވާޑްސްގެ ގްރޭންޑް ފިނާލޭގައި ރާއްޖެއަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ލިބިފައިވާކަން އިއުލާން ކޮށްފައިވާއިރު، އެ އެވާޑް ރާއްޖެއަށް ލިބުނީ ދުނިޔޭގެ އިތުރު 22 މަންޒިލަކާއި ވާދަކޮށްގެންނެވެ.

އޭގެތެރޭގައި ދުބާއީ، މެލޭޝިޔާ، ސްޕެއިން، މޮރިޝިއަސްފަދަ ގައުމުތައް ހިމެނެއެވެ.

މި އެވޯޑު ލިބުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްވެސް ވަނީ ރާއްޖޭގެ ރައްޔިތުންނަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި އެވޯޑު ލިބުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރަށް ރައީސް ސާލިހާއި ކަމާބެހޭ ފަރާތްތަކުން އަދި މީޑިއާއިން އަދާކުރި ދައުރު ބޮޑުކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.