ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރައްވައިފިއެވެ.
ރާޖަޕަކްސާ މިނިސްޓަރ މާރިޔާ ބައްދަލުކުރެއްވީ 4 ވަނަ އެންއެސްއޭލެވަލް މީޓީންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަންގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.
މިނިސްޓަރ މާރިޔާ ސްރީލަންކާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދިފާއީ ގުޅުން ހަރުދަނާކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ލަންކާގެ ބޮޑުަޒީރާ ބައްދަލުކުރެއްވުމުގެ އިތުރުން އިއްޔެ މިނިސްޓަރ މާރިޔާ ވަނީ ސްރީލަންކާގެ ސެކެޓްރީ އޮފް ޑިފެންސް މޭޖަރ ޖެނެރަލް ރިޓަޔަރޑް ކަމާލް ގުނަރަޓްނޭއާވެސް ބައްދަލުކުރައްވައި ދިފާއީ ނިމާޒު ހަރުދަނާކުރުމަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ މާރިޔާ ވަނީ މިވަގުތު ލަންކާގައި ހުންނެވި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތު ދޮވާލްއާވެސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.
އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންދިއުމަށް ބާއްވާ ބައްދަލުވުން މިއަހަރު ބާއްވާފައިވަނީ 6 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.
މި ބައްދަލުވުންތައް މިއަދު ނިންމާލާފައިވާއިރު މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން، އަވަށްޓެރި އިންޑިޔާއާއި ސްރީލަންކާގެ އެންމެމަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިބައްދަލުވުމުގެ އޮބްޒަރވަރުތެރޭގައި އަވަށްޓެރި ބަންގްލަދޭޝް، މޮރިޝަސް އަދި ސީޝެލްސްއިން ވަނީ ބައިވެރިވެފައެވެ.