ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި އަނެއްކާވެސް އިތުރު ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި، 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މީގެ ކުރިންވަނީ 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ 20 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހާކާއި، 18 އަހަރުގެ މީހެއް އަދި 34 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހެކެވެ.

މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހުގެ 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 18 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ޖަހައި، ބާކީތިބި 5 މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ޓެރަރިޒަމްގެ އަމަލެއް ރާވަމުންދާކަމުގެ މައުލޫމާތު ލިބުމާއިގުޅިގެން ފުލުހުން ފެށި އޮޕަރޭޝަންގައި މިހާތަނަށް ވަނީ ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށްފައެވެ.