ކަރަންޓީނާ ހިލާފުވި ދޯންޏެއްގެ 15 ފަޅުވެރިއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ކުޑަހުވަދޫ "ދިރުން 2" ދޯނީގެ ހުރިހާ ފަޅުވެރިން ކަރަންޓީނުވާން އަންގާފައިވަނިކޮށް، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި އެރަށުން ފުރައިގެންދިޔަ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލައާ ގުޅިގެން އެ ދޯނީގެ 15 ފަޅުވެރިއަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން މައްސަލަ ތަހުގީގު ކުރުމަށް 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރަން އަންގާމީހަކު ކަރަންޓީނާ ހިލާފު ވެއްޖެނަމަ، އެމީހަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެފަދަ މީހަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށްވެސް ވަނީ ނިންމާފައެވެ.