މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ތާއީދުކޮށްފައި ނުވާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
ޝިޔާން މިހެން ވިދާޅުވެފައިވަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި ދެކޮޅަށް އިލްމުވެރިން ތެދުވެއްޖެ ކަމަށްބުނެ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ހަބަރެއް ރީޓްވީޓު ކުރައްވައެވެ.
ޝިޔާން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ ޚުދު އޭނާވެސް ދެކޮޅު ކަމަށެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި އޭނާ ދެއްކި ވާހަކައެއް އޮޅުވާލައިގެން މާނަ އޮޅޭހެން މީޑިއާގައި ރިޕޯޓުކުރަމުންދާތީ އެކަމާ ހިތާމަފާޅުކުރާ ކަމަށްވެސް ޝިޔާން ވަނީ ވިދާޅުވެފައެވެ.
ޓުއަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މި ބިލަށް އިތުރުކުރެވޭނެ ކަންކަން ފާހަގަކުރައްވައި ޝިޔާން ވަނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ރިސޯޓުތަކުން ބަނގުރާ ލިބެންހުންނަ ފަދައިން، ރަށްރަށުގެ ގެސްޓްހައުސްތަކަށްދާ ފަތުރުވެރިންނަށްވެސް ބަނގުރާ ލިބެންހުރުން މުހިއްމުކަން ފާހަގަ ކުރައްވާފައެވެ.
އެއީ ރަށުގެ ފަޅުތެރެ، ވިލު ނުވަތަ ކަނޑުމަތިން ކަމުގައިވީނަމަވެސް މި ހިދުމަތް ލިބެން ހުންނަންޖެހޭކަމަށް ޝިޔާން ވިދާޅުވިއެވެ.
ޝިޔާން ވިދާޅުވީ މިހާރު އޮންނަ ގޮތުންނަމަ ރަށްރަށުގެ ގެސްޓްހައުސްތަކަށްދާ ފަތުރުވެރިންވެސް ބަނގުރާ ބޭނުންނަމަ ދިގު ދަތުރެއް ކުރުމަށްފަހު ދާންޖެހެނީ ރިސޯޓަކަށް ކަމަށެވެ.
އެހެންކަމުން ބަނގުރަލުގެ ހިދުމަތް ބޭނުންވާ ފަތުރުވެރިންނަށް މިއަށްވުރެ ފަސޭހަގޮތަކަށް ހިދުމަތް ލިބެން ހުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާންގެ މި ވާހަކަތައް އެކި ގޮތްގޮތަށް މީޑިއާގައި ދަނީ ފެތުރެމުންނެވެ.