އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރެޑޯނާ 2012 ވަނަ އަހަރު އިންޑިއާއަށް ކުރި ޒިޔާރަތުގައި ކެރަލާގައި އޭނާ ހުރި ގެސްޓް ހޮޓަލުގެ ކޮޓަރި، މެރެޑޯނާގެ ހަނދާނުގައި މިއުޒިއަމަކަށް ހަދައިފިއެވެ.
މެރެޑޯނާ އިންޑިއާއަށް ކުރި ދަތުރުގައި އޭނާ ހުރީ ކެރަލާގެ ކަންނޫރުގައި ހުންނަ މަޝްހޫރު ބްލޫ ނައިލް ހޮޓެލްގެ 309 ނަންބަރު ކޮޓަރީގައެވެ.
ކަންނޫރަކީ ފުޓްބޯޅައިގެ ވަރަށް ފޯރިގަދަ ރަށެއްވެސް މެއެވެ.
އެރަށުގައި ހުންނަ ބްލޫ ނައިލް ހޮޓެލްގައި މެރެޑޯނާ ހުރި ކޮޓަރި މިއުޒިއަމަކަށް ހަދައި އެ ކޮޓަރީގެ ނަން މިހާރުވަނީ "މެރެޑޯނާ ސުއީޓް" އަށް ބަދަލުކޮށްފައެވެ.
ރަވިންދްރަން ބުނީ، މެރެޑޯނާ ހޮޓަލުގައި ހުރި ދުވަސްތަކުގައި އޭނާ ބޭނުންކުރި ހުރިހާ ތަކެއްޗެއްވެސް، އޭނާގެ ހަނދާނުގައި މިއުޒިއަމަކަށްހެދި ކޮޓަރީގައި މިހާރު ބަހައްޓާފައިވާ ކަމަށެވެ.
މެރެޑޯނާގެ ފޮޓޯއެއް ކޮޓަރީގައި ބަހައްޓާފައި ވާއިރު، އޭނާ ބޭނުންކުރި ތަކެތި ބަހައްޓާފައިވަނީ ފްރޭމްކޮށްފައެވެ.
ކޮޓަރީގައި ބަހައްޓާފައި ހުރި ތަކެތީގެ ތެރޭގައި، އޭނާ ސައިބުއި ޖޯޑާއި، ބޭނުންކުރި ބެޑްޝީޓާއި، ފޭނަކު ހަދިޔާކުރި ކުރެހުމެއްގެ އިތުރުން، އޭނާ ކިޔަން ގެންގުޅުނު ނޫހާއި، ބޯން ބޭނުންކުރި ސިގާވެސް ދައްކާލަން ބަހައްޓާފައި ވެއެވެ.
ބްލޫ ނައިލް ހޮޓެލްގައި މެރެޑޯނާ ހުރި ދުވަސްވަރު އޭނާ ކެއުމަށް އިޚްތިޔާރުކުރި ބާވަތްތަކުގެ ކާނާ ތައްޔާރުކުރާނެ ޚާއްސަ ޝެފެއް ގެނެސް، މީގެކުރިންވެސް ހޮޓަލުން ގެންދިޔައީ ކަސްޓަމަރުންނަށް ޚިދުމަތް ދެމުންނެވެ. މެރެޑޯނާއަށް އެ ހޮޓަލުން ކަމުދިޔަ ކެއުމުގެ ތެރޭގައި ރަޝިޔާގެ ކާނާ ހިމެނޭ ކަމަށް ވެއެވެ.
ބްލޫ ނައިލް ހޮޓެލްގެ އެމްޑީ ރަވިންދްރަން ބުނީ، ކެރަލާގެ ކާނާގެ ތެރެއިން މެރެޑޯނާއަށް އެންމެ ކަމުދިޔައީ މަހާއި ޕްރޯންސްގެ ކެއުންތައް ކަމަށެވެ.
މެރެޑޯނާ ކެރަލާއަށް ކުރި ޒިޔާރަތުގައި ކަންނޫރު ސްޓޭޑިއަމްގައި އޮތް އިވެންޓެއްގައިވެސް ބައިވެރިވިއެވެ. އެ އިވެންޓުގައި ބައިވެރިވި މީހުންގެ އަދަދުގިނަކަމުގެ ވާހަކަ އަދިވެސް މީހުން ދައްކައެވެ.
މެރެޑޯނާ އޭނާގެ 52 ވަނަ އުފަންދުވަސް ފާހަކުރީވެސް ސްޓޭޑިއަމްގައި އާންމުންނާއެކުއެވެ.
ހާޓްއެޓޭކެއް ޖެހިގެން މެރެޑޯނާ މަރުވީ މިދިޔަ ބުދަދުވަހުއެވެ. މަރުވިއިރު އޭނާގެ އުމުރަކީ 60 އަހަރެވެ.
ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ ތަށި 1986 ވަނަ އަހަރު އާޖެންޓީނާ ހޯދިއިރު، އާޖެންޓީނާ ޓީމުގެ ކެޕްޓަނަކަށް ހުރީ މެރެޑޯނާއެވެ.
އުމުރުން އެންމެ 16 އަހަރުގައި އާޖެންޓީނާގެ ޖޫނިއަރ ގައުމީ ޓީމަށް ފުޓްބޯޅަ ކުޅެންފެށި މެރެޑޯނާ ހިމެނިގެން ގޮސްފައިވަނީ ދުނިޔެ މިހާތަނަށް ދުށް އެންމެ މޮޅެތި ފުޓްބޯޅަކުޅުންތެރިންގެ ތެރޭގައެވެ.