މަޖިލީހުގައި ނިންމުމަށް ހުރި މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި ދައުރު އިތުރު ކުރަން ނިންމައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުންތައް އިއްވަވައިދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ 1 ވަަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ 3 ވަނަ ދައުރު ހިނގާނީ އޮގަސްޓު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށާއި ނަމަވެސް މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި މިހިނގާ ދައުރު ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް އިތުރުކުރުމަށް ގަސްދުކުރައްވާ ކަމަށެވެ.

މަޖިލީހުގެ 3 ވަނަ ދައުރު ދިގު ދަންމާލަން ނިންމާފައިވާއިރު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށްފަހު އެކުލަވާލި ކޮމިޓީ ރިޕޯޓަށް ބަހުސްކުރަން ވަނީ ފަށާފައެވެ.

އެގޮތުން ކޮންމެ މެމްބަރަކަށްވެސް ރިޕޯޓަށް ބަހުސް ކުރެއްވުމަށް 7 މިނެޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެއެވެ.