ލޯނުތައް ދެއްކުމާއި ދޭތެރޭގައި އިންތިޒާމުވެފައިވާ ވިސްނުންތަކެއް ގެންގުޅެންޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން މެމްބަރު އީވާ ވިދާޅުވީ، ބަޖެޓު ކޮމެޓީ ރިޕޯޓަށް އިސްލާހެއް ހުށަހަޅާފައިވާނޭ ކަމަށާއި އެގޮތުން ދައުލަތުގެ ފަރާތުން ނަގާފައިވާ ލޯނާއި ސޮވްރިންގ ގެރެންޓީ އާއި ސްކޫކް އަދި ޓީ ބޮންޑް ވިއްކާނަމަ އޭގެ އެންމެ ފުރިހަމަ ތަފްސީލް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށެވެ.

ސަރުކާރުން މިއަހަރަށް ވިއްކުމަށް ނިންމާފައިވާ 400 މިލިއަން ރުފިޔާގެ ސުކޫކް ވިއްކާކަމަށްވާނަމަ އެކަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެނގެންޖެހޭކަން ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ، މިކަމަކީ ހަމައެކަނި ސިއްރުން އަދި ސިއްރުން ނޫނަސް ހަމައެކަނި ފިނޭންސް މިނިސްޓްރީއަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގަވެސް އޮވޭ މާލިއްޔަތު ކޮމެޓީއެއްވެސް. އަދި ރައްޔިތުންގެ މަޖިލީހަކީ އޯވަސައިޑް ކޮމެޓީ. ސަރުކާރުން ބަޖެޓު ހުށަހެޅި ކަމުގައިވީނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ނިންމަނީވެސް. ސުކޫކު ވިއްކުމާއި ނުވިއްކުން އެއީ ވަރަށް ބޮޑަށް އަޅުގަނޑުމެންގެ އާމްދަނީއާ ގުޅިފަ އޮތް ކަމަކަށްވުމުން އޭގެ ތަފްސީލު ވަރަށް ރަނގަޅަށް އެނގެންޖެހޭ."
މެމްބަރު އީވާ އަބްދުﷲ

ލޯނުތައް ދެއްކުމާއި ދޭތެރޭ އިންތިޒާމުވެފައިވާ ވިސްނުމެއް ގެންގުޅުން ޖެހޭކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ލޯނުތައް ފަސްކުރާނެ ގޮތެއް ނުހޯދައިފިނަަމަ އަންނަ އަހަރުގެ މާޗު މަހަށްދާއިރު ވަރަށް ދަތިވާނެ ކަމަށެވެ.

ސޮވްރިން ގެރެންޓީ ދީގެން ސަރުކާރުން ހިންގާ މަޝްރޫޢުތައް ފިނޭންސް މިނިސްޓްރީގެ ފަރާތުން ފުރިހަމައަށް މޮނިޓަރ ކުރަންޖެހޭނެ ކަމަށާއި އެކަން އެގޮތަށް ކުރުމަށް ބަޖެޓަށް އިސްލާހެއް ހުށަހަޅާފައިވާނޭ ކަމަށްވެސް އީވާ ވިދާޅުވިއެވެ.