ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
ގާޟީ އަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
ޖުޑީޝަރީ ކޮމިޓީގެ ނިންމުން މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު ބަހުސަށް ހުޅުވާލުމުން ވާހަކަ ދެއްކެވީ އެންމެ މެމްބަރެކެވެ.
އޭގެފަހުން ވޯޓަށް އެހި ގަޑީގައި އަބްދުލް ބާރީ ޔޫސުފް ފަނޑިޔާރުކަމުން ވަކިކުރަން 68 މެމްބަރު ވަނީ ވޯޓު ދެއްވާފައެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަނުން ގާޟީ އަބްދުލް ބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިމަހުގެ 18 ވަނަ ދުވަހުގައެވެ.
އަބްދުލް ބާރީ ޔޫސުފްއާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން ގާޟީ ބާރީ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، 2014 ވަނަ އަހަރުގެ މެއިމަހުން ފެށިގެން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް ގާޟީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވި ކަމާއި، އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، އެވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައި ނުވާކަމަށް ބުނެ ތަހުގީގު ކޮށްފައިވާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.
އަދި އެމައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުއާއި ގާޟީ ބާރީ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުން ތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުން ތަކެއްގައި ގާޟީ ބާރީ ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައި ވެއެވެ.
މީގެއިތުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި، ރައީސް ނަޝީދުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން އެމައްސަލައިގެ ހުކުމުގެ ކޮޕީއެއް އަދީބަށް ފޮނުވުމަށް ގާޟީ ބާރީ އެހުކުމް ދިންކަންވެސް ފާހަގަކުރެވިފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ޝަރީއަތްތައް އެއިރު ސަރުކާރުން ބޭނުންވިގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޟީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެދުވަސްވަރު އަދީބުގެ ފަރާތުން ފަސްލައްކަ ދިވެހި ރުފިޔާ ބާރީއަށް ދީފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދ. ޖުޑީޝަން ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްުއުސްތާޛް އަބްދުއްރައްޒާގު މުހަންމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަންވެސް ފާސްކޮށްފައި ވެއެވެ.
ދ. ޖުޑީޝަން ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްުއުސްތާޛް އަބްދުއްރައްޒާގު މުހަންމަދު ފަނޑިޔާރުކަމުން ވަކިކުރަން 61 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ.