2021 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް މަޖިލީހުން ފާސްކޮށްފިއެވެ.
ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 68 މެމްބަރުންގެ ވޯޓާއެކު، ބަޖެޓް ފާސްކުރިއިރު، ބަޖެޓް ފާސްކުރުމަށް ވޯޓު ނުދެއްވަނީ އެންމެ މެމްބަރެކެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް 34.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށައެޅިނަމަވެސް، ކޮމިޓީ މަރުހަލާގައި ބަޖެޓް ދިރާސާކުރުމަށްފަހު ބަޖެޓަށް ވަނީ 200 މިލިޔަން ރުފިޔާ އިތުރުކޮށްފައެވެ. ކޮމިޓީއިން ވަނީ 34.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ.
2021 ވަނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ދައުލަތުން ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް ކޮމިޓީން ބަޖެޓް ދިރާސާކުރިއިރު، އިތުރަށް 3.355 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ 21 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
ކޮމިޓީން ވަނީ ދައުލަތުގެ މުއައްސަސާތަކުގެ ބަޖެޓަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެވްރެޖްކޮށް ކޮންމެ މުއައްސަސާއަކަށް ދޮޅު މިލިއަން ރުފިޔާއާއި 2 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކަށް ފައިސާ އިތުރުކޮށްފައި ވެއެވެ.
2020 ގައި ހުށަހެޅި ބަޖެޓަށްވުރެ މިބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑު ވާނެކަމަށް ފިނޭންސް މިނިސްޓަރު މީީގެކުރިން ވިދާޅުވެފައިވެއެވެ.
އެގޮތުން 2021 ވަނަ އަހަރުގެ ބަޖެޓު، 5.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ އެވެ.