އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރެޑޯނާގެ މަރާ ގުޅިގެން، އާޖެންޓީނާގެ ފުލުހުން ތަހްގީގު ފަށައިފިއެވެ.

ފުލުހުން ތަހްގީގު ފަށާފައިވަނީ މެރެޑޯނާގެ މަރުގައި އެއްވެސް މީހެއްގެ އިހުމާލެއް އޮތްތޯ ބެލުމަށެވެ.

އުމުރުން 60 އަހަރުގެ މެރެޑޯނާ ހާޓްއެޓޭކެއް ޖެހިގެން މަރުވެފައިވަނީ މިދިޔަ ހަފްތާގެ ބުދަދުވަހުއެވެ.

މި ތަހްގީގުގައި ފުލުހުންވަނީ މެރެޑޯނާގެ ފާސަނަލް ޑޮކްޓަރު ލިއޯޕޮލްޑޯ ލުކޭގެ އޮފީހާއި، އަދި ޑޮކްޓަރުގެ ގެވެސް ހޯމަދުވަހު ބަލައި ފާސްކޮށްފައެވެ.

މެރެޑޯނާގެ ފާސަނަލް ޑޮކްޓަރުގެ އޮފީހާއި ގެ ބަލައި ފާސްކޮށް ފުލުހުން ތަހްގީގުފެށީ، މެރެޑޯނާއަށް ދިމާވި ހިތުގެ މައްސަލަތަކާ ގުޅިގެން މެރެޑޯނާގެ ގޭގައި ޑޮކްޓަރު ދިން ފަރުވާއާއެކު މެރެޑޯނާގެ 3 އަންހެން ދަރިން ކަމުގައިވާ ޑަލްމާ، ޖިއާނީނާ އަދި ޖާނާ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

މީގެއިތުރުން، މެރެޑޯނާ މަރުވިދުވަހު ހާޓްއެޓޭކެއް ޖެހުމުން ހޮސްޕިޓަލަށް ގެންދަން އެމްބިއުލެންސް އައިލެއް ލަސްވުމުގެ މައްސަލަވެސް އާއިލާއިން އުފުލާފައި ވެއެވެ.

ކަންކަން ރަނގަޅަށް ދިޔަނަމަ މެރެޑޯނާގެ ފުރާނަ ސަލާމަތް ކުރެވުނީސްކަމަށް އާއިލާއިން ގަބޫލުކުރެއެވެ.

އެހެންވެ، ފުލުހުން ތަހްގީގު ފަށާފައިވަނީ، މެރެޑޯނާ މަރުވުމުގައި ޑޮކްޓަރުގެ ނުވަތަ އެހެން ފަރާތެއްގެވެސް އިހުމާލެއް އޮތްތޯ ބެލުމަށެވެ. ޑޮކްޓަރުގެ އޮފީހާއި ގެ ބަލައި ފާސްކުރީވެސް އިހުމާލުގެ އެއްވެސް ހެއްކެއް ފެނޭތޯ ކަމަށް ވެއެވެ.

ތަހްގީގާ ގުޅުންހުރި މަސްދަރަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ފުލުހުން ގެންދަނީ މެރެޑޯނާގެ އާއިލާގެ އިތުރުން، އިތުރު ހެކިންނާވެސް ވާހަކަ ދައްކައި މައުލޫމާތު އެއްކުރަމުން ކަމަށެވެ.

ފުލުހުންވަނީ، މެރެޑޯނާގެ ފާސަނަލް ޑޮކްޓަރާވެސް ސުވާލުކޮށް މައުލޫމާތު އެއްކޮށްފައެވެ. ޑޮކްޓަރާ ސުވާލު ކުރެވުނީ މެރެޑޯނާއަށް އޭނާދިން ފަރުވާއާ ގުޅޭގޮތުން ކަމަށް ވެއެވެ.

ނަމަވެސް، ޑޮކްޓަރުގެ މައްޗަށް ކުށެއް ކުރިކަމުގެ ތުހުމަތު ނުކުރެވޭތީ ފުލުހުން އަދި އޭނާ ހައްޔަރެއް ނުކުރެއެވެ.

މެރެޑޯނާގެ ޕާސަނަލް ޑޮކްޓަރު ލިއޯޕޮލްޑޯ ލުކޭވަނީ، މެރެޑޯނާއާއެކު ނަގާފައިވާ ފޮޓޯއެއް ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

އެދުވަހަކީ، ސިކުނޑީގެ ނާރެއްގައި ހުރި ގަނޑު ލޭކޮޅެއް ނެގުމަށް ކުރެވުނު އޮޕަރޭޝަނަށްފަހު މެރެޑޯނާ ހޮސްޕިޓަލުން ދޫކޮށްލި ދުވަހެވެ.

ހޮސްޕިޓަލުން މެރެޑޯނާ ސީދާ ދިޔައީ ޓިގްރޭގައި ހުންނަ އޭނާގެ ގެއަށެވެ. ގޭގައި 24 ގަޑިއިރު ގެންދިޔައީ ސިއްހީގޮތުން ދޭންޖެހޭ ފަރުވާއާއި، ސަމާލުކަން ދެވެމުން ކަމަށް ވެއެވެ.

ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ ތަށި 1986 ވަނަ އަހަރު އާޖެންޓީނާ ހޯދިއިރު، އާޖެންޓީނާ ޓީމުގެ ކެޕްޓަނަކަށް ހުރީ މެރެޑޯނާއެވެ.

އުމުރުން އެންމެ 16 އަހަރުގައި އާޖެންޓީނާގެ ޖޫނިއަރ ގައުމީ ޓީމަށް ފުޓްބޯޅަ ކުޅެންފެށި މެރެޑޯނާ ހިމެނިގެން ގޮސްފައިވަނީ ދުނިޔެ މިހާތަނަށް ދުށް އެންމެ މޮޅެތި ފުޓްބޯޅަކުޅުންތެރިންގެ ތެރޭގައެވެ.

ފުޓްބޯޅައިގެ ހަޔާތަށްފަހު މެރެޑޯނާ އޭނާގެ ހަޔާނުގެ ބާކީ ދުވަސްތައް ހޭދަކުރީ މަސްތުވާތަކެތީގެ ވަބާގެ ތެރޭގައެވެ.