ޤަވައިދާއި ޚިލާފަށް ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޑްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ބޯޓުގައި 6 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެ ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯނިން ވަނީ އިއްޔެގެ 11:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިކަމަށެވެ.

މި ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވަނީ ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައިކަމަށާއި އަދި އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރަމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށުން މި މަސްބޯޓު މިހާރު ދަނީ މާލެ އަށް ދަތުރު ކުރަމުންނެވެ. މި ބޯޓަށް މާލެ އަށް ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ވަނީ ރާއްޖޭގެ ހިވާގި މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަކޮށް ޝުކުރު އަދާކޮށްފައެވެ.

އަދި އިއްޔެ ބޭރުގެ އެ މަސްބޯޓް ފެނިގެން ރިޕޯޓް ކުރި "އަސުރުމާ 03" ދޯނީގެ ކެޕްޓަނަށާއި ހީވާގިފަޅުވެރިނާއި އަދި ދޯނީގެ ވެރި ފަރާތުން ކޯސްޓްގާޑަށް ދިން އެއްބާރުލުމަށް ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ބޯޓުތައް ދޭތެރެ ދޭތެރެއިން ފެންނައިރު މިފަދަ ބޯޓުތައް އަތުލައިގަތުމުގައި ރާއްޖޭގެ މަސްވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެއެވެ.