ޗާޓަރ އޮފް ދަ ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ (ސީޑީއާރުއައި) މުއާހަދާ މިހާރު އޮތްގޮތް ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސީޑީއާރުއައިގައި ރާއްޖެއިން ބައިވެރިވުމާއި ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅާއި ގުޅިގެންނެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން މިހާރު ބިނާކުރަންޖެހޭ އުމްރާނީ އެކިއެކި ވަސީލަތްތައް ބިނާކުރަން ޖެހެނީ ވަކި ގޮތަކަށް ކަމަށާއި މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިކަމާއި ގުޅޭގޮތުން އެކި ފަހަރުމަތިން އެކި ރިޕޯޓް ހަދާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި މި މުއާހަދާގައި ރާއްޖެއިން ހަމައެކަނި ބައިވެރިވުމުގެ ބަދަލުގައި މި މުއާހަދާ ބަދަލުކުރަންޖެހޭ ކަމަށާއި ބައިނަލްއަގްވާމީ މުއާހަދާ އޮތީ ގޯސްކޮށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވަނީ ދެމެހެއްޓެނެވި ތަރައްގީ ކަށަވަރުކުރުމަށްޓަކައި މޫސުމާއި ކާރިސާތަކުން އަރައިގަނެ ގައުމުތަކުގެ އުމްރާނީ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި ގައުމުތަކާއި އދގެ އެޖެންސީތަކާއި، ޕްރޮގްރާމްތަކާއި މަލްޓިލޭޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި މާލީ އިންތިޒާމުތަކާއި ޕްރައިވެޓް ސެކްޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭގޮތުން އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ޕަރޓްނަރޝިޕެއް ކަމުގައިވާ ޗަރޓަރ ފޯ ދި ކޯލިޝަން އޮފް ޑިޒާސްޓަރ ރެޒިލިއަންޑް އިންފްރާސްޓަރަކްޗަރގައި ދިވެހިރާއްޖެއިން ބައިވެރިވުމާއި ގުޅޭގޮތުން 13 އޮކްޓޯބަރ 2020 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރުމަށްފަހު ސީޑީއާރުއައި ގައި ބައިވެރިވުމަށް ފެންނަ ކަމަށް ވަނީ ނިންމާފައި ކަމަށެވެ.
މިމުއާހަދާގައި ބައިވެރިވުމުގެ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.