ވިލިމާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެމީހަކު ހައްޔަރުކޮށް ފުލުހުން މައްސަލަތައް ތަހުގީގު ކުރަންފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނަކީ ހުޅުމާލޭގައި ބިޔަރުދަޅު ތަކެއް ގެންގުޅެ، އެތަކެތި ވިއްކާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.
ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހުޅުމާލެ ޕޮލިހުން ހިންގި އެ އޮޕަރޭޝަނުގައި، މަގުމަތިން ދިޔަ ކާރެއް ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ކާރު ތެރެއިން 24 ދަޅު ބިޔަރު ފެނިފައިވާކަމަށާއި، އެ މައްސަލައާ ގުޅިގެން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ ވިލިމާލޭގައި ހިންގި އޮޕަރޭޝަނަކީ ވިލިމާލޭގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.
ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރެއިންވެސް މިފަހުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހުން ހައްޔަރުކޮށްފައެވެ.