ބޭރު މީހުން އެއްވެސް ހަމައެއް ނެތި އުޅެވޭ ގައުމެއް ރާއްޖެ ނޫނީ ނެތް ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

ހިއުމަން ޓްރެފިކިން މައްސަލައަށް އަލިއަޅުއްވާ ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ މި މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަމަކު ހިތާމައަކީ ބޭރު މީހުން ގެނައުމަށްޓަކައި ޑިޕޮސިޓުގެ ގޮތުގައި ފައިސާ ބެހެއްޓުމަށްފަހު އެ މީހާ އެ ގެންނަ ކުންފުންޏަށް ނޭގި ފިލައިގެން ދިޔުމުން އޭނާ ހުރިތަނަކުން ހޯދައިގެންގޮސް އެ މައްސަލަ ރިޕޯޓުކުރުމުންވެސް އެކަމަކަަށް ކުރެވޭ ކަމެއް ނޯންނަކަމަށެވެ.

އެހެންކަމުން ބޭރު މީހުން ގެނައުމަށްޓަކައި ޑިޕޮސިޓުގެ ގޮތުގައި ފައިސާ ބެހެއްޓުމުގެ ބޭނުމެއް ނުފެންނަކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މަސައްކަތްކުރާ މީހުންނަށް އެންމެ ބޮޑު ދައްޗަކަށްވެފަ އޮތީ ބިދޭސީން ފިލައިގެންގޮސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަމިއްލައަށް މަސައްކަތްކުރާތީ ކަމަށެވެ.

މިބާވަތުގެ ހުރިހާ މައްސަލަތަކެއް ހުއްޓުވުމަށްޓަަކައި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި ބޭރުގެ މީހަކަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަނެތި އެކަން ނުކުރެވޭގޮތަށް ގާނޫނު ބަދަލުކުރަންޖެހޭ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ކަންކަން މިހެން އޮވެގެން ހިއުމަން ޓްރެފިކިންގެ މައްސަލައަކަށް ހައްލެއް ނުލިބޭނެ. އަޅުގަނޑުމެން އެންމެނަށް އެބަ އެނގޭ ގަވާއިދާ ޚިލާފަށް ރާއްޖޭގައި މީހުން އުޅެމުންދާކަން. ދައުލަތަށް އެބަ އެނގޭ. ރައްޔިތުންގެ މަޖިލީހަށްވެސް އެނގޭ. ކުންފުނިތަކަށް އެބަ އެނގޭ. އަދި ގަވާއިދާ ޚިލާފަށް އުޅޭ މީހުންނަށްވެސް އެނގޭ އެ މީހުން އެ އުޅެނީ ގަވާއިދާ ޚިލާފަށްކަން."
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު

ހިއުމަން ޓެރެފިކިންގ ގާނޫނަކަށްވުމުން ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަކީ ހުއްދަ ލިބިގެން މަސައްކަތް ކުރާ ބަޔަކަށްވެގެން ދާނެކަން ފާހަގަކުރައްވާ އާމިރު ވިދާޅުވީ އެކަން އެގޮތަށް ނުކުރެވޭނަމަ ގައުމުގެ ކަންކަން ދާނީ އެމީހަކު ހިތުހުރި ގޮތަކަށް ކަމަށެވެ.