އުޅަނދު ފަހަރުގެ އޭޖެންޓުންގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުން، ޝިޕިންގް އޭޖެންސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުން ކަސްޓަމްސްއަށް ހުށަހަޅަން އަންގައިފިއެވެ.

ކަސްޓަމްސް އިން ބުނީ، 26 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން 30 ދުަވަހުގެ ތެރޭގައި ލައިސެންސް ހުށައަޅަން ޖެހޭނެކަމަށެވެ.

ޝިޕިން އޭޖެންސީ އާ ބެހޭ ގަވާއިދު ތަސްދީގުކޮށް، މިދިޔަ މަހުގެ 26 ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާއިރު، ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދެވޭނީ، ޝިޕިންގ އޭޖެންސީއާބެހޭ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެގަވާއިދުގެދަށުން ހޯދަންޖެހޭ ލައިސަންސް ހޯދުމަށްފަހުގައި ކަމަށް، ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އަދި މިގަވާއިދަށް އަމަލުކުރަން ފަށާއިރު ޝިޕިންގ އޭޖެންސީގެ ޚިދުމަތްދޭ ފަރާތްތަކުން، 30 ދުވަހުގެ ތެރޭގައި ލައިސަންސް ހޯދަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުޅަނދު ފަހަރުގެ އޭޖެންޓުންގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށް ލައިސަންސް ދޫކޮށްފައިވާފަރާތްތަކުން، 26 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ޝިޕިންގ އޭޖެންސީއާ ބެހޭ ގަވާއިދުގައިވާގޮތަށް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާފަރާތެއްކަން އެނގޭނެ ލިޔުން އެއިދާރާއަށް ހުށަހެޅަން ޖެހޭނެކަމަށެވެ.

26 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެފަހުން، ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން އުޅަނދުފަހަރުގެ އެޖެންޓުންގެ ލައިސަންސް ހޯދުމަށާއި އުޅަނދު ފަހަރުގެ އޭޖެންޓުންގެ ލައިސަންސް އައުކޮށްދިނުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅާ ކުންފުނިތަކުން، އެކުންފުންޏަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުން ހުށަހެޅުމަށްވެސް ކަސްޓަމްސްއިން ވަނީ އަންގާފައެވެ.

ޝިޕިން އޭޖެންސީ އާ ބެހޭ ގަވާއިދުގައި ބުނާގޮތުން ޑެލިވަރީ އޯޑާ ޗާޖުގެ ގޮތުގައި ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށްވުރެން ގިނަ ސީބީއެމް ހިމެނޭ ބީއެލްއަކަށް ނެގޭނީ 771 ރުފިޔާ އެވެ.

ޑެލިވަރީ އޯޑާ ޗާޖު ފުލް ކޮންޓެއިނަރަކަށް ވުރެ މަދުން ހުންނަ ބީއެލްއަކަށް ނެގޭނީ 385.50 ރުފިޔާ އެވެ.

ގަވައިދުގައި ބުނާގޮތުން، ކޮންޓްރޯލްކޮށްފައިވާ އަގަށް ވުރެ ބޮޑުކޮށް، ސީދާ ގޮތުންނާއި ނުސީދާގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނަގައިފި ނަމަ، ފުތަރަމަ ފަހަރަށް 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

ގަވައިދާ ހިލާފަށް ދެވަަނަ ފަހަރަށް ފީއެއް ނަަގައިފި ނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށާއި ދެ ފަހަރަށްވުރެ އިތުރުވެއްޖެ ނަމަ ކޮންމެ ފަހަރަކަށް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.