މޯލްޑިވްސް ކަރެކްޝަނަލް ސަރިވިސަސް އަކީ ބަޔަކު ބަންދުކޮށްގެން ބަލަހައްޓާ މުއައްސަސާއަކަށް ވުމުން އެއިޑްސް ފަދަ ބަލިތަކަށް ޕްރިޒަން އޮފިސަރުން ހޭލުންތެރިކުރުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލެ ޖަލުގެ މެޑިކަލް ސަރވިސްއިން ޕްރިޒަން އޮފިސަރުންނަށް މިއަދު ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ދުނިޔޭގައި އެކިއެކި ދުވަސްތައް ފާހަގަކުރަމުންދާއިރު، އެއިޑްސް ދުވަސް ފާހަގަކުރަމުންދަނީ މި ބަލީގެ ހައްސާސްކަމުންނާއި މިހާތަނަށް އެކަށީގެންވާ ފަރުވާއެއް ހޯދިފައިނުވާތީ ކަމަށެވެ. އަދި މި ނުރައްކާތެރި ބައްޔަކީ ދުރާލާ އާންމުންނަށް މައުލޫމާތުދީ، ހޭލުންތެރިކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅޭނެ ބައްޔެއްކަމަށާއި ކަރެކްޝަނަލް ސަރވިސްއަކީ ބަޔަކު ބަންދުކޮށްގެން ބަލަހައްޓާ މުއައްސަސާއަކަށް ވުމުން މިފަދަ ބަލިތަކަށް ހޭލުންތެރިކުރުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ސީޕީ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވަނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި އެނުރައްކާތެރި ބައްޔާބެހޭގޮތުން ހޭލުންތެރިކުރުމަށް ހަފްލާއެއް ބޭއްވުމަށް އިސްނެންގެވިކަމަށްޓަކައި މާލެ ޖަލުގެ އޮފިސަރުންނަށާއި ސީނިއަރ މެނޭޖްމަންޓަށް ޝުކުރުއަދާ ކުރައްވާފައެވެ.

މި ހަފްލާގައި ވަނީ އެއިޑްސް ދުވަހާގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯސްޓަރެއް ތައާރަފްކޮށްފައެވެ. މީގެ އިތުރުން ޑިވިޜަންތަކަށް އެއިޑްސް ދުވަހާގުޅޭ ރަތް ރިބަންވެސް ވަނީ ހަވާލުކޮށްފައެވެ.

މި ހަފްލާގައި އެއިޑްސް ބައްޔާބެހޭގޮތުން މައުލޫމާތުދީފައިވަނީ މާލެ ޖަލުގެ ހެޑް ނަރސް ސަނިތް ޖޯސެފްއެވެ. އެގޮތުން އެއިޑްސް ބަލިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާއި އެ ބަލި ޖެހިފައިވާ ފަރާތްތަކާމެދު އަމަލުކުރަންޖެހޭ ގޮތްތައް ސަނިތް ޖޯސެފް ވަނީ ވިދާޅުވެދެއްވާފައެވެ. މީގެއިތުރުން މާލެ ޖަލުގެ މެޑިކަލް ސެންޓަރ މިހާރަށްވުރެ ތަރައްޤީކޮށް، މުސްތަޤްބަލުގައި އެއިޑްސް ބައްޔަށް ސްކްރީންކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް އެވެ. މިހަފްލާގައި މާލެ ޖަލުގެ ސީނިއަރ މެނޭޖްމަންޓާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.