ށ.ބިލެތްފަހީ ބަނދަރުގެ އީއައޭ ހެދުމަށް ފަހު ކޮންޓެކްޓަރު އެ މަސައްކަތް މިނިސްޓްރީ އާއި މިހާރު ވަނީ ހަވާލުކޮށްފައި ކަމަށް މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބިލެތްފަހީ ބަނދަރުގެ މަސައްކަތް ލަސްވަނީ ކީއްވެގެންތޯ އާއި ބަނދަރުގެ މަސައްކަތް ފެށޭނީ ކިހާ ހިސާބަކުތޯ ބެލުމަށް އެ ދާއިރާގެ މެމްބަރު އަބްދުالله ޝަހީމް އަބްދުލްހަކީމް މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ބިލެތްފަހި ބަނދަރުގެ އީއައީ ހެދުމަށް ފަހު ކޮންޓްރެކްޓަރު އިއްޔެގެ ވަގުތެއްގައި އެ މަސައްކަތް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އީއައޭ އެޕްރޫވަލް އައުމާއެކު ކޮންޓްރެކްޓަރު ބަނަދަރުގެ މަސައްކަތް ކުރުމަށް މޮބިލައިޒް ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބިލެތްފަހީ ބަނދަރުގެ މަސައްކަތަކީ ބަނދަރަށް ވަދެ ނިކުތުމުގައި ނެރުގަ ދަތިތަކެއް ހުރިކަން ފާހަގަކުރެވި އެކަން ހައްލުކުރުމުގެ މައްސަކަތުގެ ތެރެއިން ފެށުނު މަސައްކަތެއް ކަމަށާއި އެގޮތުން އެ މަސައްކަތުގައި 100 ފޫޓަށް އިތުރަށް ބަނދަރު ފުޅާކުރުން ހިމެނޭ ކަމަށެވެ.

މި މަސައްކަތަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަވާލުކޮށްފައިވާ މަސައްކަތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާތަނަށް އައިއިރު މި މަސައްކަތުގައި އިންޖިނިއަރިންގެ މަސައްކަތް ކުރާ މީހުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޮންޓްރެކްޓަރުގެ އިންޖިނިއަރުން އަދި މިނިސްޓްރީގެ އިންޖިނިއަރުން އިތުރަށް އީއައީ ކޮންސަލްޓެންޓާއި މެދު ޚިޔާލުތަފާތުވުންތަކެއް އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބިލެއްފަހި ކައުންސިލުން ބަނދަރަށް ގެންނަން ބޭނުންވަނީ ބަނދަރުގެ ނެރު ބޭރުކޮޅުން ފުޅާކޮށް ދެ ފަރާތުގައި ތޮށިޖެހުމާއި ނުވަތަ އެހެންތަނެއްގަ އައު ބަނދަރެއް ހެދުން ކަމަށާއި ނަމަވެސް މިނިސްޓްރީގެ އިންޖިނިއަރުންގެ ނިންމުމަކަށްވީ އަލުން ބަނދަރެއް ރަށުގަ ހެދުމުގެ ބަދަލުގަ ބަނދަރުގެ ނެރު ބޭރުން ފުޅާކޮށް ދެ ފަރާތުން ތޮށި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.