ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކައްދޫގައި ގާއިމުކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ޒިޔާރަތްކުރައްވައި، ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑެމޮންސްޓްރޭޝަން ބައްލަވާލައްވައިފިއެވެ.

މިއަދު މެންދުރުފަހު ކައްދޫގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނުތަކުގެ ޑެމޮންސްޓްރޭޝަނަކީ މިދިޔަ ނޮވެމްބަރު މަހުގެ 16 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ޑެމޮންސްޓްރޭޝަނެެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދިވެހި ސިފައިންގެ އަސްކަރީ ގާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މިތަމްރީނުތައް ދައްކާލުމަށް ބޭއްވި ޑެމޮންސްޓްރޭޝަނުގައި ސިފައިން ވަނީ ކްލޯސް ކުއާޓަރ ބެޓްލް ކޯސް އަދި މާރކްސްމަންޝިޕްގެ ހުނަރުތައް ދައްކާލާފައެވެ.

މި ތަމްރީނުތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދުދީދީ އަދި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.