ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން އިފްތިތާހު ކުރުމާއި ގަމުގައި ތަރައްގީ ކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު އިފްތުތާހު ކުރުމާއި އެ ރަށުގެ ހޮސްޕިޓަލުގައި އަލަށް ތައާރުފު ކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ، ކޯވިޑުގެ ބަލިން ސަލާމަތްވުމަށްޓަކައި މުޅި ދުނިޔެ އެކީގައި ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އެއަންނަ ކަމަށެވެ.

އެގޮތުން، އެ ބައްޔަށް ވެކްސިނެއް ހޯދުމުގެ އެންމެފަހުގެ މަރުޙަލާތައް ނިމި، ރައްޔިތުންނާ ހިސާބަށް އެ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް، ގިނަ ޤައުމުތަކުގައި ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ އެ ވެކްސިން ފޯރުކޮށްދިނުންކަމަށެވެ.

ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން، އިޤްތިޞާދީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވިކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެކަންކަމަށް ވިސްނައި، އަންނަ އަހަރުގެ ބަޖެޓުގައި ތަރައްޤީގެ މަޝްރޫއުތައް ހިމަނާފައިވާނީ، ކުރިއަށް އޮތް އަހަރު ރާއްޖޭގެ އިޤްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ އުންމީދާއެކުކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑްގެ ކޭސްއެއް ފެނުނު ފަހުން މިހާތަނަށް 13،106 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، މީގެތެރެއިން 12،154 މީހަކު ބަލިން ރަނގަޅުވެފައިވެއެެވެ. އަދި އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 898 މީހުންނެވެ.