4 މަރަކަށް އިންސާފުލިބުން ލަސްވަމުންދާތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައިވަނީ އަދުލުއިންސާފު ގާއިމްކުރުމަކީ މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީން އިންތިހާއަށް ބާރުއަޅާ ކަމަކަށްވެފަ، އަދުލުއިންސާފު ގާއިމްކޮށް، ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ދައުލަތަށް ލާޒިމްކުރާ އަދި ޑިމޮކްރަސީ ވެރިކަމެއްގެ އެންމެ މުހިންމު އުންސުރުކަމުގައި ގަބޫލުކުރާތީ އާއި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމުގައި ގިނަ މުފައްކިރުން ދެކޭ ކަމަށެވެ.

އެގޮތުން އަނިޔާވެރިގޮތެއްގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސް އާއި ޑރ. އަފްރާޝީމް އަލީ އަދި ޔާމީން ރަޝީދު އާއި ގެއްލުވާލާފައިވާ ރިލްވާން އަބްދުﷲގެ މަރުގެ މައްސަލަފަދަ އެތައް މައްސަލައަަކަށް އިންސާފު ނުލިބި ލަސްވަމުންދާތީ އަދި އިންސާފު ލިބޭނެކަމުގެ ޔަގީންކަމެއްވެސް ނެތި އެތައް އާއިލާތަކެއް މާޔޫސްވެ، އުންމީދު ގެއްލި އެ އާއިލާތަކުގެ ހައްގުތައް ގެއްލެމުންދާތީވެ އަވަސް ހައްލެއް ހޯދައިދީ ރާއްޖޭގެ ތަހުގީގު ކުރުމާއި ޝަރުޢީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމެއްނެތި އިންސާފު ލިބޭނެ ކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދިނުމަކީ މި މައްސަލަ ހުށަހެޅުމުގެ ބޭނުން ކަމަށް މެމްބަރު ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ވަނީ މިއަދު ހަވީރު 16:30 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.