އިންސާފުލިބުން ލަސްވަމުންދާތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ހުށަހެޅި މައްސަލަ ތަޅުމުން ބޭރުކޮށްލައިފިއެވެ.

މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށް ފެންނަ ކަމަށް ވޯޓުދެއްވީ 16 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް 36 މެމްބަރަކު ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓްދޭން ބޭނުންނުވާ 3 މެމްބަރުން ތިއްބެވިއެވެ.

މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައިވަނީ، އަދުލުއިންސާފު ގާއިމްކުރުމަކީ މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީން އިންތިހާއަށް ބާރުއަޅާ ކަމަކަށްވެފައި، އަދުލުއިންސާފު ގާއިމްކޮށް، ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ދައުލަތަށް ލާޒިމްކުރާ އަދި ޑިމޮކްރަސީ ވެރިކަމެއްގެ އެންމެ މުހިންމު އުންސުރުކަމުގައި ގަބޫލުކުރާތީ އާއި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމުގައި ގިނަ މުފައްކިރުން ދެކޭ ކަމަށެވެ.

އެގޮތުން އަނިޔާވެރިގޮތެއްގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސް އާއި ޑރ. އަފްރާޝީމް އަލީ އަދި ޔާމީން ރަޝީދު އާއި ގެއްލުވާލާފައިވާ ރިލްވާން އަބްދުﷲގެ މަރުގެ މައްސަލަފަދަ އެތައް މައްސަލައަަކަށް އިންސާފު ނުލިބި ލަސްވަމުންދާތީ އަދި އިންސާފު ލިބޭނެކަމުގެ ޔަގީންކަމެއްވެސްނެތި އެތައް އާއިލާތަކެއް މާޔޫސްވެ، އުންމީދުގެއްލި އެ އާއިލާތަކުގެ ހައްގުތައް ގެއްލެމުންދާތީވެ އަވަސް ހައްލެއް ހޯދައިދީ ރާއްޖޭގެ ތަހުގީގު ކުރުމާއި ޝަރުޢީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމެއްނެތި އިންސާފު ލިބޭނެކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދިނުމަކީ މިމައްސަލަ ހުށަހެޅުމުގެ ބޭނުން ކަމަށް މެމްބަރު ފާހަގަކުރައްވާފައި ވެއެވެ.