ވެރިކަމާ ހަވާލުވީ ކުޅުންތެރިން ބިނާކުރަން ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމަށާއި ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވައި ކަންކަން ކުރިއަށް ގެންދިޔުމުގެ މަގްސަދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނޭޝަނަލް މާރޝަލް އާރޓްސް ސެންޓަރ އަދި ހުޅުމާލެ ޓީޓީ ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު، ކުޅިވަރުގެ ދާއިރާއިން އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިއޮތީ، މާލޭގެ ފަތާ ޓްރެކް ސަރަހައްދުގައި، އަތްވާއި ވާރޭން ހިޔާވާނެ ގޮތެއް ނެތްކަމުގެ ޝަކުވާ ކަމަށާއި އެކި ސަބަބުތަކާހުރެ ލަސްވެގެންދިޔަ ނަމަވެސް، އިރާދަކުރެއްވިއްޔާ އެމަސައްކަތް މިހާރު އެވަނީ ނިމުމަކާ ހަމަޔަށް އައިސްފައި ކަމަށެވެ.

ރާއްޖޭގައި ބޮޑީ ކަނޑުގެ ސަރަހައްދު ކަމަށް ވީނަމަވެސް، މޫދުކުޅިވަރުތައް ނުވަތަ ފެނުގައި ކުޅޭ ކުޅިވަރުތައް ކުޅުމަށް އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވިފައި ނެތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، މިހާރު ސަރުކާރުގެ އަމާޒަކީ، އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލެއް، މާލެ ސަރަހައްދުގައި ގާއިމުކުރުން ކަމަށެވެ.

އެކަމަށް ބޭނުންވާ ބިންވެސް، މިހާރު އޮތީ ކަނޑައަޅާފައި ކަމަށާއި މިހާރު ކުރިއަށްދަނީ، އެންމެފަހުގެ ތަފްސީލީ ކުރެހުންތައް ކުރެހުމުގެ މަސައްކަތް ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، ކުޅިވަރުގެ ރޮނގުން ރަން މެޑެއްޔާއި ކާމިޔާބަށް އުންމީދު ކުރަންވާނީ، އެކަމަށް އެކަށޭނަ މިންވަރަށް، ވަސީލަތްތައް ތަރައްގީކޮށްދީ، ކުޅުންތެރިން އުފައްދައިގެން. އަދި އެކަމުގައި އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަ ގޮތެއްގައި ކަންކަން ފަހިކޮށްދީގެން. އަޅުގަނޑުމެން ވެރިކަމާ ހަވާލުވީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކޮށް، ރަނގަޅު ކާމިޔާބެއް ހޯދުމަށްޓަކައި، މުހިންމު ދެކަމަކަށް ވިސްނައިގެން. ފުރަތަމަ ކަމަކީ، ކުރިންވެސް ދެންނެވި ފަދައިން، ކުޅުންތެރިން ބިނާކުރަން ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުން. ދެވަނަ ކަމަކީ، ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވުން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ކުޅިވަރުގެ މައިދާނުގައި ގައުމީ ފެންވަރުގަޔާއި، ބައިނަލްއަގްވާމީ ފެންވަރުގައި، މިހާތަނަށް ހޯދި ގިނަ ކާމިޔާބީތަކުގެ ހަގީގަތަކީ، ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅުންތެރިންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތް ކަމަށާއި މިކަމުގައި ކުޅިވަރު އެސޯސިއޭޝަންތަކުން އަދާކުރާ މުހިންމު ދައުރުވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.